ދުނިޔޭގައި ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ ބުރެޒިލުގެ އިތުރު ދެ ވަޒީރަކަށް ކޯވިޑް-19 ޖެހިއްޖެއެވެ.
209 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯއަށް މިދިޔަ ހަފުތާގައިވަނީ ކޯވިޑް-19 ޖެހިފައެވެ. އޭނާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު އަގުޝްތޯ އެލިއެނޯއާއި ހަކަތައާބެހޭ ވަޒީރު ބިއެންތޯ އަލްބުކާކީއަށްވެސް މީގެ ކުރިން ކޯވިޑް-19 ޖެހުނެވެ.
ބޮލްސޮނާރޯގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ފަހުން ބަލި ޖެހުނުކަމަށް އިޢުލާނުކުރީ ރަށްވެހިކަމާބެހޭ ވަޒީރު އޮނިކްސް ލޮރެންޒޯނީއާއި ތަޢުލީމާބެހޭ ވަޒީރު މިލްތޮން ރިބެއިރޯއެވެ.
ކޯވިޑް-19އަށް ފަރުވާކުރުމަށް އިތުރު ދެ ބޭހަކާއެކު މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސިކްލޮރިކީން ބޭނުންކުރައްވަމުންދާކަމަށް ލޮރެންޒޯނީވަނީ ވިދާޅުވެފައެވެ. ކޯވިޑް-19ގެ ފަރުވާއަކަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރައްވާކަމަށް ރައީސް ބޮލްސޮނާރޯވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުގެ ފައިދާތަކާ ގުޅޭގޮތުން ސައިންސުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ރައީސް ބޮލްސޮނާރީގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ލޮރެންޒޯނީ ވިދާޅުވީ ހައިޑްރޮކްސިކްލޮރިކީން ބޭނުންކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ފެންނަ ބަލީގެ ޢަލާމަތްތައް ކުޑަކަމަށާއި އެ ބޭސް ބޭނުންކުރުމުގެ ފައިދާ މިހާރުވެސް އިޙުސާސުވާކަމަށެވެ.
ބުރެޒިލުގައި 2.1 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 80،250 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.