ވިޔަފާރި

ކޯވިޑް-19 : އެހީގެ ގޮތުގައި މިހާތަނަށް ރާއްޖެއަށް 195 މިލިއަން ޑޮލަރު


ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތަށާއި ބަޖެޓް ސަޕޯޓަށް މިހާތަނަށް އެކި ފަރާތްތަކުން 195 މިލިއަން ޑޮލަރު ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްއާ ގުޅިގެން ލޯނާއި ހިލޭ އެހީގެ ގޮތުގައި 195 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކާއި އދގެ އެޖެންސީތަކުން ލިބުނު އެހީކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޯވިޑްއާ ގުޅިގެން މާލީ އިދާރާތަކުން ރާއްޖެއަށް ދިން އެހީއަށް ބަލާލާއިރު، ވޯލްޑް ބެންކުން މިހާތަނަށް 31.05 މިލިއަން ޑޮލަރު ނުވަތަ 478.7 މިލިއަން ރުފިޔާ ވަނީ ދީފައެވެ. ވޯލްޑް ބެންކުން ދިން އެހީގެ ތެރެއިން 15.05 މިލިއަން ޑޮލަރަކީ ލޯނެވެ. އަދި 16 މިލިއަން ޑޮލަރަކީ އެހީއެވެ.

އޭޝިޔަން ޑިވެލޮޕްމަންޓް ބެންކް، އޭޑީބީގެ އެހީއަށް ބަލާލާއިރު، އެބެންކުން ވަނީ މިހާތަނަށް 52.3 މިލިއަން ޑޮލަރު ނުވަތަ 806.9 މިލިއަން ރުފިޔާގެ ދީފައެވެ. އޭގެ ތެރެއިން 25 މިލިއަން ޑޮލަރަކީ ލޯނެވެ. އަދި 27.3 މިލިއަން ޑޮލަރަކީ އެހީއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބެންކު، އައިޑީބީން މިހާތަނަށް 35.64 މިލިއަން ޑޮލަރު ނުވަތަ 549.5 މިލިއަން ރުފިޔާ ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ. އޭގެތެރެއިން 25 ހާސް ޑޮލަރު ފިޔަވައި ބާކީ ބަޔަކީ ލޯނެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން 28.9 މިލިއަން ޑޮލަރު ނުވަތަ 445 މިލިއަން ރުފިޔާއަކީ ދީފައިވާއިރު އެއީ އިންޓްރެސްޓް ފްރީ ލޯނެވެ.

އޯޕެކް ފަންޑުން 20 މިލިއަން ޑޮލަރު ނުވަތަ 445.6 މިލިއަން ރުފިޔާ ދީފައިވާއިރު، މިއީ ލޯނުގެ ގޮތުގައި ދިން ފައިސާއެވެ. އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކުން 22.6 މިލިއަން ޑޮލަރު ނުވަތަ 348.4 މިލިއަން ރުފިޔާ ދީފައިވާއިރު މިއީވެސް ލޯނުގެ ގޮތުގައި ދިން ފައިސާއެވެ.

އެކުވެރި ޤައުމުތަކުން ދިން އެހީތަކަށް ބަލާލާއިރު ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ޖަޕާނު ސަރުކާރުން މިހާތަނަށް 7.4 މިލިއަން ޑޮލަރު ނުވަތަ 114 މިލިއަން ރުފިޔާގެ އެހީ ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. ކެނެޑާއިން 1 މިލިއަން ޑޮލަރު ދީފައިވާއިރު، އެހީ ފޯރުކޮށްދިން އެހެން ޤައުމުތަކުން ފޯރުކޮށްދީފައިވަނީ ފަންނީ އެހީއާއި ތަކެއްޗެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާ، ޔޫއޭއީ، ބަންގްލަދޭޝް، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާ ހިމެނެއެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖެއަށް އެކި ފަރާތްތަކުން އެހީ ފޯރުކޮށްދެމުންދާއިރު، ސަރުކާރުން ދަނީ ކޯވިޑްއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޯވިޑްއަށް ޓެސްޓްކޮށް، ކޯވިޑްއަށް ފަރުވާދޭން ފެސިލިޓީޒްތައް ޤާއިމްކުރަމުންދާއިރު، އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.