ވިޔަފާރި

އޭއައިއޭގެ ހިއްސާ ބަދަލުކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅައިފި


އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުންފުނި، އޭއައިއޭގައި އޮތް އެމްއޭސީއެލްގެ ހިއްސާ ދޫކޮށްލުމަށްފަހު، އެކުންފުނި ކޮޅަށްޖެހުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ހުށަހެޅުމަށް އެސް.އޯ.އީ ކޮމިޓީން ނިންމައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައް ވިލަރެސްކުރާ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ނުވަތަ އެސްއޯއީ ކޮމިޓީން މިގޮތަށް ނިންމީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހާލަތު ދިރާސާކޮށް ނިންމި ގޮތުގެ ކޮމިޓީ ރިޕޯޓްގައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުންފުންޏަކީ ސަރުކާރުގެ 60 އިންސައްތަ ހިއްސާ، ކާސާ ހޯލްޑިންގެ 30 އިންސައްތަ ހިއްސާ އަދި އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ގަން އެއަރޕޯޓު ހިންގާ ކުންފުނީގައި އެހެން އެއަރޕޯޓެއް ހިންގާ ކުންފުންޏެއްގެ ހިއްސާ އޮތުމަކީ ޤަބޫލުކުރެވޭކަމެއް ނޫނެވެ. އަދި އެއީ ދެ ކުންފުނީގެ މަސްހަލަތު ފުރުއަރާނެކަމެއްކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެމްއޭސީއެލްއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމަށް މާބޮޑު މަސައްކަތެއް ނުކުރާކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުންފުނީގައި އޮތް އެމްއޭސީއެލްގެ ހިއްސާ ދޫކޮށްލުމަށް ސަރުކާރަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އެސްއޯއީ ކޮމިޓީން ވަނީ އޭއައިއޭ ތަރައްޤީކޮށް، މާލީގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަށް ސަރުކާރުގެ އެހީ ހޯދުމަށްވެސް ނިންމާފައެވެ. އެގޮތުން ގަން އެއަރޕޯޓް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މާސްޓަރ ޕްލޭނަށް ބޭނުންވާ 15 މިލިއަން ޑޮލަރު ހޯދުމަށް އެހީތެރިވުމަށް ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގައި ދެންނެވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. އަދި މިހާރު އެމްޕީއެލްއާ ޙަވާލުކޮށްފައިވާ ދޫގަސް އޭއައިއޭއާ ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައް ވިލަރެސްކުރާ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ނުވަތަ އެސްއޯއީ ކޮމިޓީން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހާލަތު ދިރާސާކޮށް ނިންމާ، ރިޕޯޓް އެކުލަވާލާފައިވާއިރު، އެކޮމިޓީން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ކޮމިޓީއަށް ކަމާބެހޭ ފަރާތްތައް ހާޒިރުކުރުމުގެ އިތުރުން، ކޮމިޓީ މެމްބަރުންނަށް ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް އެތަނުގެ ހާލަތު އަމިއްލައަށް ބައްލަވާފައެވެ.