ޚަބަރު

ސަލްމާން ރަސްގެފާނު ހަސްފަތާލުގައި އެނދުމަތިކޮށްފި


ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލްސަޢުދު ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ހަސްފަތާލެއްގައި އުމުރުފުޅުން 84 އަހަރުގެ ސަލްމާން ރަސްގެފާނު އެނދުމަތިކުރީ ފިތް ދުޅަވުމުގެ ސަބަބުން ފަރުވާދިނުމަށްކަމަށާއި ޞިއްހީ ތަހުލީލުތައް ކުރުމަށްކަމަށް އެ ޤައުމުގެ ރަސްމީ ނޫހުންވަނީ ބުނެފައެވެ. އެއާއެކު ސަޢުދީ ޢަރަބިއްޔާއަށް ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްޚަދީމީ ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅު ފަސްކޮށްފައިވާކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އަމީރު ފައިސަން ބިން ފަރުހާން އާލްސަޢުދުވަނީ ވިދާޅުވެފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ސަލްމާން ރަސްގެފާނުވަނީ ރިޔާޟުގެ ގަވަރުނަރުކަން 50އަށްވުރެ ގިނަ އަހަރު ކުރައްވައިފައެވެ. އޭނާއަށްފަހު ރަސްކަމާ ޙަވާލުވެވަޑައިގަންނަވާނީ އުމުރުފުޅުން 34 އަހަރުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނެވެ.