ވިޔަފާރި

އޭޑީބީން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް


ކޯވިޑް19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީން އިތުރު 1 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އޭޑީބީން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު މިދިޔަ ޖޫންމަހުވެސް އޭޑީބީން ވަނީ ބަޖެޓް ސަޕޯޓަށް ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ.

އޭޑީބީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތަށް ހަމަޖައްސައިދިން 1 މިލިއަން ޑޮލަރުގެ އެހީއަކީ އޭޝިޔާ ޕެސިފިކް ޑިޒާސްޓަރ ރެސްޕޮންސް ފަންޑުން ހަމަޖައްސައިދިން އެހީއެއްކަމަށެވެ.

އޭޑީބީން ބުނާގޮތުން ކޯވިޑްއާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އޭޑީބީގެ ފުރިހަމަ އެހީތެރިކަން ލިބޭނެއެވެ. އެގޮތުން އެކިއެކި ވަޞީލަތްތަކާއި ތަޖުރިބާކާރުންގެ އެހީތެރިކަން އޭޑީބީން ފޯރުކޮށްދޭނެކަމަށް އެޖަމުޢިއްޔާއިން ބުނެއެވެ.

އޭޑީބީގެ ބަޔާނުގައި ރާއްޖެއަށް ދިން 1 މިލިއަން ޑޮލަރު ޚަރަދުކުރާނީ ކޯވިޑްއާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ މުހިއްމު ތަކެތި ހޯދުމަށެވެ. އޭގެތެރޭގައި ޓެސްޓް ކިޓް، ޕީޕީއީ، ލެބޯޓަރީތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން މެޑިކަލް ސާމާނު ހިމެނެއެވެ. މީގެއިތުރުން ސިއްހީ ދާއިރާއާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސްވެސް މިފައިސާއިން ހަމަޖައްސާނެއެވެ.

އޭޑީބީން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު، މިދިޔަ ޖޫންމަހު ދިން 50 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަން ޑޮލަރަކީ އެހީއެވެ. ބާކީ 25 މިލިއަން ޑޮލަރަކީ ލޯނެވެ. މީގެއިތުރުން ރާއްޖޭގައި ގައިންގަޔަށް ފެތުރޭ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތަށްވެސް އޭޑީބީން ވަނީ 5 ލައްކަ ޑޮލަރުގެ އެހީއަކާއި 7 ލައްކަ 98 ހާސް ޑޮލަރުގެ އެހީއެއްވެސް މީގެކުރިން ހަމަޖައްސާދީފައެވެ.