ޚަބަރު

ތުހުމަތުތަކަށް އިންކާރުކުރަން، މިއީ ސިޔާސީ ނުފޫޒުން ހިންގާކަމެއް - ޢަލީ ވަޙީދު


ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މަޤާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ފުލުހުންގެ ޢިދާރާއަށް މިރޭ ވަނީ ޙާޒިރުކޮށްފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައިވާ މައްސަލާގައި ފުލުހުންގެ އިދަރާއަށް ޙާޒިރުވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށާއި، މިއީ ސިޔާސީ ނުފޫޒު ހިމެނޭ މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ އިންސާފުވެރިކަމާއި މިނިވަންކަމާއެކު ތަޙްޤީޤް ހިނގާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިތުމަތުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންނަށް ހަޤީޤަތް ހާމަވާން ބޭނުންފުޅުވާކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވާކަމަށާއި، ހަނު ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

"މިއީ ސިޔާސީ ނުފޫޒުު ވަދެފައިވާ މައްސަލައެއް. އެހެންވީމަ މީގަ ތަހްޤީޤް ނިމިގެންދާއިރު ރައްޔިތުންނަށް ސާފުވެގެންދާނެ. އަޅުގަނޑު ހަނެއް ނުހުންނާނަން." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ، މިސަރުކާރައީ އެނާވެސް ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރެއްކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރެއްވީ އިޚްލާސްތެރިކަމާއެކުކަމަށެވެ. އަދި އޭނާއާއިމެދު ކަންހިގައިދިޔަ ގޮތުން ހިތާމަކުރައްވާކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. ވަޒީރުކަމުންނާއި އޭނާ ނިސްބަތްވާ ޖުމްހޫރީ ޕަޓިގެ ރައީސްގެ މަޤާމުން އިސްތިއުފާނުދެއްވީ އެނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށްވާތީކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި، އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓަރަށްވެސް ވަނީ ހުށަހަޅާފައެވެ.