ޚަބަރު

ޢާއްމު ސިއްޙަތު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙާމެދު ޑޮކްޓަރުންގެ ކަންބޮޑުވުން


ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަށް ޢައްމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ސިއްޙީ ދާއިރާގެ ބޭފުޅުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި އޮތް ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށްވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައިވަނީ ބިލުގައި ހުރި ކަންކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި، އިތުރު ކަންކަމުގެ ގޮތުގައި ބިލުގައި ހިމެނާނެ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހުށަހަޅާފައެވެ.

މިބިލަށް ޚިޔާލު ހުށައެޅި ޑޮކްޓަރުންނާ ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރާއިރު ޑޮކްޓަރުންގެ ލަފައާ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރާގޮތަށް ޤާނޫނަށް އިސްލާޙް ހުށައެޅުމަށް ވަނީ ޚިޔާލު ހުށައަޅާފައެވެ. އަދި ސިއްޙީ މާހިރުން މަޝްވަރާކޮށް ވަކި ހާލަތަކަށް ހާލަތު ބާޠިލް ކުރުމުގެ ބާރު މަޖިލީހަށް އޮތްކަމަށް ވާނަމަ ޑޮކްޓަރުން ޢަމަލުކުރައްވީ ގޮތްތައްވެސް ކަނޑައަޅަންޖެހޭކަމަށް ޚިޔާލު ހުށައެޅިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ކަންކަން ނިންމާ ބަދަލު ގެންނައިރު ޑޮކްޓަރުންނާއި ސިއްޙީ މާހިރުންގެ ލަފަޔާއެކު ބަދަލުކުރުމަށް ހުށައަޅާފައެވެ.

މީގެއިތުރުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުރިހާކަމެއް މަނާކުރެވިފައި އޮންނަ އިރު މަޖިލިސް ހުޅުވާ ޖަލްސާތައް ބޭއްވޭ ގޮތަށް އޮތުމުން އެކަން ބަލައިނުގަނެވޭކަންވެސް ބައެއް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށައެޅުއްވި ބިލުގައި އާއްމު ސިއްޙަތުގެ ރައްކާތެރިކުރުމުގެ ޤާނޫނަށް ބައެއް އިތުރުކުރުމާއި، އިތުރުކުރާ ބައިގައި 4 މާއްދާއެއް ހިމެނުމަށް ވަނީ ހުށައަޅާފައެވެ.

މީގެތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާގޮތަށް ވަނީ ހިމަނާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ވަނީ ހުށައަޅާފައެވެ.

މީގެއިތުރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ސިއްޙަތާއިބެހޭ ވަޒީރު ނެރެފައިވާ ގަރާރާއި ގުޅިގެން، ކޮންމެ ވަގުތެއްގައިމެ، ކަންތައްތަކެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށްވެސް އިސްލާހުގައި ވެއެވެ.