ޚަބަރު

ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުން އަނެއްކާވެސް ކަަރަންޓީނުކުރަން ނިންމައިފި


ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުވުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލަށް ބަދަލުގެނެސްފިއެވެ.

މިއާއެކު ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާމީހުން ކަރަންޓީން ވުން ލާޒިމުވާނެއެވެ. މިއުސޫލުގެ ދަށުން ކަރަންޓީން ވާންޖެހެނީ އެމީހެއްގެ ގޭގައި ނުވަތަ އަމިއްލައަށް ކަނޑައަޅާ ތަނެއްގައެވެ.

އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މިއުސޫލަށް ބަދަލުގެނެސް ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށް ދާ ފަރާތްތައް ގޭގައި ކަރަންޓީނުވާން ނުޖެހޭގޮތަށް ބަދަލުކޮށްފައެވެ.

އެހެންނަމަވެސް މިދުވަސްވަރު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެ ކައިރީގައި ހުރި ޤައުމުތަކުގައި ކޯވިޑް-19ގެ ހާލަތު އޮތް ގޮތަށް ބައްލައި އަނެއްކާވެސް ވަނީ ކުރިން އޮތްގޮތަށް ދަތުރުކުރާ މީހުންގެ ތެރެއިން ރާއްޖެ އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާމީހުން ކަރަންޓީންވުން ލާޒިމުކޮށްފައެވެ.

މި އުސޫލުގައިވާގޮތުން ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ވޯކްޕަރމިޓް އޮންނަ ފަރާތްތަކާއި އެމީހުންގެ ޑިޕެންޑެންޓުންގެ ގޮތުގައި އަންނަ މީހުން 'ހާލުބެލުން' ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރ ވާންޖެހެއެވެ. އަދި ކަރަންޓީން ވާ ފަރާތްތަކުން ކަރަންޓީން ވާނެތަނެއް ހަމަޖައްސަންޖެހެނީ އަމިއްލައަށެވެ.

މިގޮތުން ކަރަންޓީނުގެ މުއްދަތަކީ 14 ދުވަހެވެ. އަދި އެއަށްފަހު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކޯވިޑް-19އަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ނެގަޓިވްވުމުން އެމީހަކު ދޫކޮށްލުމާހަމައަށް އެމީހަކު ހުންނަންޖެހޭނީ އެހެން މީހުންނާއި ދުރުގައިކަމަށް މިއުސޫލުގައިވަނީ ބަޔާންކޮށްފައެވެ
.
އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި ކަރަންޓީނުވާ މީހާ އާއި އެމީހާ ހުންނަ ގޭގެ މީހުންނާއި އެރަށެއްގެ ކައުންސިލުން ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ. އެއާއިއެކު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ އިރުޝާދުދެއްވާފައެވެ.

ކޯވިޑާ ގުޅިގެން އިއުލާންކުރި ފުރަބަންދަށް ދިން ލުއިތަކާއެކު ބޭރަށް ނިކުމެ އުޅޭ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ލުއިތަކާއެކު ގިނަބަޔަކު ރައްކާތެރިކަމަށް ބެލުމެއްނެތި ބޭރުގައި އުޅޭތީ އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ. ވައިރަހުގެ ނުރައްކާ އަދި ކުޑަ ނުވާކަމަށާއި އަދިވެސް ކޮންމެހެން ދާން ނުޖެހޭނަމަ ބޭރުގައި އުޅުން މަދުކުރުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.