ޚަބަރު

ތަފާތުކުރުން ފެށެނީ އެންމެ މަތީ ފަޑިން: އދގެ ސެކެޓްރީ ޖެނެރަލް


ޤައުމުތަކުގެ މެދުގައި ބައިނަލްއަޤުވާމީ މުޢައްސަތާތަކުން ތަފާތުކުރިނަމަވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުން ހަނުހުންނަކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންތޮނިއޯ ގުތޭޚެޝް ވިދާޅުވެއްޖެއެވެ.

ނެލްސަން މަންޑޭލާ ފައުންޑޭޝަނުގައި އަހަރަކު އެއް ފަހަރު ދެއްވާ ތަޤުރީރުގައި ވާހަކަދައްކަވަމުން ގުތޭޚެޝް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަކީ ހުރިހާ ޤައުމުތަކަކަށް ސަމާލުކަންދޭ މިންވަރު ހަމަހަމަކުރުމަށް ލިބޭ ފުރުޞަތެއްކަމަށެވެ. އެގޮތަށް ޢަމަލުކޮށްފިނަމަ ދެމެހެއްޓެނެވިގޮތެއްގައި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އޮންނަ ތަފާތު ކުޑަކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ބާރާއި މުއްސަނދިކަމާއި ފުރުޞަތުތައް ހުރިހާ ޤައުމަކަށް ހަމަހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ނިއު ގުލޯބަލް ޑީލު ޤާއިމުކުރުމުގެ މުހިންމުކަން ގުތޭޚެޝްގެ ތަޤުރީރުގައިވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައިނަލްއަޤުވާމީ މުވައްސަސާތަކުގެ އެކުލެވުމާއި ބާރުތައް ބެހިފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރަން ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އޮންނަ ޤައުމުތަކުން ދެކޮޅުހަދާކަމަށެވެ. އެކަން ދޭހަކޮށްދޭ އެންމެ ފުރިހަމަ އެއް ހެއްކަކީ އދގެ ސަލާމަތީ މަޖިލިސް އެކުލަވާލެވިފައިވާ ގޮތާއި ވޯޓުލުމުގެ ހައްޤު ބެހިގެންވާގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް މޮނެޓަރީ ފަންޑު، އައިއެމްއެފާއި ވޯލްޑު ބޭންކުގެ މައްޗަށް އެކުލެވިގެންވާ ބުރެޓަން ވުޑްސް ނިޒާމަކީވެސް އޭގެ މިސާލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އދގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ތަފާތުކުރުން ފެށެނީ އެންމެ މަތީ ފަޑިންކަމަށާއި އެއީ ބައިނަލްއަޤުވާމީ މުވައްސަސާތައްކަމަށެވެ. ތަފާތުކުރުން ނައްތާލުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކަށްވާންވީ އެފަދަ މުވައްސަސާތައް އިސްލާޙުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި ހުރި މައްސަލަތައް ސާފުވަމުންދާކަމަށް ގުތޭޚެޝް ވިދާޅުވިއެވެ. އެންމެންގެ ޙާލަތު އެއްގޮތް ނުވާނެކަން ފާހަގަކުރައްވަން ކަނޑުގައި ދަތުރުކުރަމުންދާ އުޅަނދުތަކެއްގެ މިސާލު ނަންގަވަމުން ގުތޭޚެޝް ވިދާޅުވީ ބައެއް ޤައުމުތަކުން އަގުބޮޑެތި ޔޮޓުތަކުގައި ދަތުރުކުރިނަމަވެސް ބައެއް ޤައުމުތައް ދަތުރުކުރަނީ އޮޔާދާ އެއްޗެހީގެ އެހީތެރިކަމުގައެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށް 10.3 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އދންވަނީ އެދިފައެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެ ޢަދަދުގެ ތެރެއިން އެންމެ 1.7 މިލިއަން އެމެރިކާ ޑޮލަރެވެ. ގުތޭޚެޝް ވިދާޅުވީ މުއްސަނދި ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިނުވާކަމަށާއި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ފެނިގެންދަނީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ އަމިއްލަ މަސްލަޙަތު އިސްކުރަމުންދާތަންކަމަށެވެ. އޭގެ ބަދަލުގައި ދުނިޔޭގެ މަސްލަޙަތަށް މަސައްކަތްކޮށް އެންމެންނަށްވެސް އިޖުތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން ކަށަވަރުވާފަދަ ސިޔާސަތުތަކެއް އެކުލަވާލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ތަޤުރީރު ނިންމާލައްވަމުން ގުތޭޚެޝް ވިދާޅުވީ ބައިބައިވުމާއި ތަފާތުކުރުމާއި ހަމަނުޖެހުން ޙައްލުކޮށް، އެންމެންގެ މަސްލަޙަތު ރައްކާތެރިކުރުމާ ގުޅޭގޮތުން ގޮތެއް އިޚްތިޔާރުކުރުމުގެ ބާރު ދުނިޔޭގެ އިސްވެރިންނަށް ލިބިފައިވާކަމަށެވެ.