 
										
			އެމްޓީސީސީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ނާއިބު ރައީސްއާ ހިއްސާކުރައްވައިފިއެވެ. 
އެމްޓީސީސީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ނާއިބު ރައީސްއާ ހިއްސާކޮށްފައިވަނީ އެމަނިކުފާނު އިއްޔެ އެމްޓީސީސީގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ. 
ނާއިބު ރައީސް އެމްޓީސީސީއަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގަތެވެ. 
މިބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއާއި އެކުންފުނީގެ އިސްވެރިން ވަނީ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ނާއިބު ރައީސްއަށް މަޢުލޫމާތުދެއްވާފައެވެ. މިގޮތުން ފުވައްމުލައް ސިޓީގެ މަގުތައް ހެދުމާއި ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަސައްކަތާބެހޭ މަޢުލޫމާތު ނާއިބު ރައީސްއާ ހިއްސާކުރެއްވެވިއެވެ.  
އެމްޓީސީސީއަކީ ސަރުކާރުގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ރަށްރަށުގެ މަގު ހެދުމާއި ބަނދަރުގެ މަސައްކަތުގެ އިތުރުން ނަރުދަމާ ޤާއިމްކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އެކުންފުނިން ދަނީ ހިންގަމުންނެވެ.