ޚަބަރު

އިންޑިއާއިން ކޯވިޑް ޖެހުނު މީހުން މިލިއަނަކަށްވުރެ މައްޗަށް


އަވައްޓެރި އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައިފިއެވެ.

ކޯވިޑް-19 ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބަލި ޖެހުނު މީހުން އެންމެ ގިނައި ފެނުނު ތިންވަނަ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނެއް ހުރަސްކުރި އިރު މި ބަލީގެ މަރުވި މީހުންގެ އަދަދުވެސް ވަނީ 25 ހާހުން މައްޗަށް އަރާފައެވެ. މިއަދުގެ މިހާތަނަށް އެކަނިވެސް އެ ޤަައުމުން މި ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 123 ވުރެ މައްޗަށް ވަނީ އަރާފައެވެ. އިންޑިއާގައި އެންމެ ބާރަށް މި ބަލި ފެތުރެމުން އަންނަނީ މަހާރަސްޓާގައެވެ. އެ ސްޓޭޓުން މިހާތަނަށް 2 ލައްކަ 80 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ.

ކޯވިޑް ޖެހުނު މީހުން އެންމެ ގިނަ ގައުމަކީ އެމެރިކާއެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 3.5 މިލިއަނަށް ވުރެ މަތީގައެވެ. އެމެރިކާއިން މި ބަލީގައި މިހާތަނަށް އެއްލައްކަ ތިރީސް 8 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ނިއުޔޯކް ސިޓީންނެވެ. އެ ސިޓީން މަރުވި މީހުންގެ އަދަދު 32 ހާހަށްވުރެ މައްޗަށް އަރައެވެ.

ދެން މި ބަލީގެ މީހުން އެންމެ ގިނައީ ބްރެޒިލްގައެވެ. އެ ޤައުމުން މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މަރުުވި މީހުންގެ އަދަދު ހުރީ 76 ހާހަށްވުރެ މަތީގައެެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ސިޓީން އުފަންވިކަމަށް ބުނާ ކޯވިޑް-19 މިހާތަނަށް މުޅި ދުނިޔޭ ޖެހުނު މީހުންގެ އަދަދު ވަނީ 14 މިލިއަނާ ގާތްކޮށްފައެވެ. މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވެސް 6 ލައްކައަށް މިއަދު އަރާނެކަމަށް ބެލެވެއެވެ.

ބަލި ފެނުނު ޗައިނާއިން ވަނީ ބަލި ކޮންޓްރޯލްކޮށްފައެވެ. ބަލި ފެނުނު ދުވަސްކޮޅު އެންމެ ބާރަށް ބަލި ފެތުރުނު ލިސްޓްގެ އެއްވަނާގައި އޮތް ޗައިނާ މިވަގުތު އޮތީ މި ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓްގައި 25 ވަނަ ޤައުމެއްގެ ގޮތުގައެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު 82 ހާހުގައި މިދިޔަ އޭޕްރިލް މަހު ހިފެއްހެއްޓި ގޮތަށް އެއަށްވުރެ މައްޗަށް އަރާފައެއް ނުވެއެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ހުރީ 4600 ގައެވެ.