ޚަބަރު

މާސްކު އެޅުމާމެދު މީހުން ދެކެނު ގޮތް ބަދަލުވީ ކީއްވެ؟


ފާއިތުވި ހަފުތާގައި ދުނިޔެ ދުށް އެންމެ ހައިރާންކުރިވި އެއް މަންޒަރަކީ މާސްކު އެޅުމަކީ މުހިންމުކަމެއް ނޫންކަމަށް ވިދާޅުވާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް މާސްކު އަޅުއްވައިގެން ޢާންމު ތަނަކަށް ވަޑައިގެންނެވި މަންޒަރެވެ. އެކަންވެގެންދިޔައީ ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ސުރުޙީތަކުން ޖާގަ ހޯދި ޚަބަރަކަށެވެ.

ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި މާސްކު ބޭނުންކުރުމަށް ޞިއްޙީ މާހިރުން އިރުޝާދު ދިންނަމަވެސް މީގެ ކުރިން މާސްކު ބޭނުންކުރާ މީހުންނަށް ނިސްބަތްކޮށް މަލާމާތުގެ މޭރުމުން ރައީސް ޓުރަންޕުވަނީ ވާހަކަދައްކަވާފައެވެ. މާސްކު ބޭނުންކުރާނީ އޭނާއަށް ތާޢީދުނުކުރާ މީހުންކަމަށްވެސް ރައީސް ޓްރަންޕުވަނީ ވިދާޅުވެފައެވެ.

ވިލާތުގެ އެހެން ގިނަ ޤައުމުތަކާ ޚިލާފަށް މާސްކު ބޭނުންކުރުމަކީ ކޯވިޑް-19ން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަކަށް އިނގިރޭސިވިލާތުގެ ސަރުކާރުންވެސް މީގެ ކުރިން ޤަބޫލެއްނުކުރެއެވެ. ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުންނާއި
ވިޔަފާރިކުރާ ތަންތަނަށް ވަންނަ މީހުން މާސްކު ބޭނުންކުރަން ޖެހޭނެކަމަށް ދާދިފަހުން އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ ނިންމާފައެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މާސްކު ބޭނުންކުރުން ލާޒިމުކުރާ ޤަވާއިދުތައް އެކުލަވާލައި ތަންފީޒުކުރި ޤައުމުތަކުގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި މާސްކު ބޭނުންކުރުމަށް ބާރުއަޅާ ސިޔާސަތުތައް ތަންފީޒުކޮށްފައިވަނީ އެންމެ ދިހަ ޤައުމުގައެވެ. ނަމަވެސް މިހާރު އެ ޢަދަދުވަނީ 130 ޤައުމަށް އިތުރުވެފައެވެ.

މާސްކާމެދު މީހުން ދެކުނު ގޮތްވެސްވަނީ ބަދަލުވެފައެވެ. އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީން ކުރި ދިރާސާއަކުން ދައްކާގޮތުގައި މީގެ ކުރިން ޢާންމު ތަންތަނުގައި މާސްކު ބޭނުންނުކުރާ ބައެއް ޤައުމުތަކުގައި މިހާރު މާސްކު ބޭނުންކުރެއެވެ. އޭގެ ތެރޭގައި އިޓަލީވިލާތާއި އެމެރިކާއާއި ސްޕެއިން ހިމެނެއެވެ. އެ ބަދަލު އައިސްފައިވަނީ ކޯވިޑް-19 ފެތުރޭ ގޮތާމެދު ހޭލުންތެރިކަން އިތުރުވެފައިވާތީކަމަށް ބެލެވެއެވެ.

ޞިއްޙީ މާހިރުން ފުރަތަމަ ބުނެފައިވަނީ ކޯވިޑް-19ން ރައްކާތެރިވުމަށް ޢާންމުން މާސްކު ބޭނުންކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. މާސްކު އެޅުން މުހިންމީ ޞިއްޙީ ޚިދުމަތްތެރިންނާއި ބަލީގެ ޢަލާމާތްތައް ފެންނަ މީހުންކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވެސްވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ ޖޫނު މަހުގެ ތެރޭގައި އެ ޖަމުޢިއްޔާއިން ދީފައިވާ އިރުޝާދުވަނީ ބަދަލުކޮށްފައެވެ. ބަލި ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިގަނޑުން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނިވެސް އެހެން މީހުންނަށް ބަލި ފޯރުމުގެ ފުރުޞަތު އޮތްކަމަށް ސައިންސުވެރިން މިހާރު ޤަބޫލުކުރެއެވެ. އަދި ވައިގެ ޒަރިއްޔާއިން ބަލި ފެތުރޭކަމުގެ ހެކިތަކެއްވެސްވަނީ ފެނިފައެވެ. މާސްކު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރުވެސް ދަށްކަމަށް ބައެއް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު އެއް ވަޞީލަތަކީ މާސްކުކަމަށް ސައިންސުވެރިން އިއްތިފާޤުވެއެވެ.

ކޯވިޑް-19ގެ ވަބާއިން އަވަހަށް މިންޖުވެވެން ނެތްކަމަށާއި ބައްޔާއެކު އުޅެން ދަސްކުރަންޖެހޭކަމަށް ގިނަ ބަޔަކަށްވަނީ ޤަބޫލުކުރެވިފައެވެ. ބަލިން ދިފާޢުކޮށްދޭނެ ވެކްސިނެއް ތައްޔާރުވާނެ ދުވަހައް ނޭނގެއެވެ. ބައްޔަށް ފަރުވާއެއްވެސް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ކުރީގެ ދިރިއުޅުމަށް ކޮންމެވެސް މިންވަރަކަށް ރުޖޫޢަވުމަށް ވިޔަފާރިތަކާއި މަދަރުސާތައް އަލުން ހުޅުވުމުން މާސްކު ބޭނުންކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމުގެ އިހުސާސުވަނީ ކުރެވެން ފަށައިފައެވެ.

މާސްކާމެދު ޤައުމުތަކުގެ ސިޔާސަތުތައް ބަދަލުވި ނަމަވެސް މާސްކު ބޭނުންކުރުމަށް ބޭނުންވާ މީހުންގެ ޢަދަދުތަކުގައި ބޮޑެތި ފަރަޤު އެބަހުއްޓެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އިޓަލީވިލާތުގެ 83 އިންސައްތަ މީހުންނާއި އެމެރިކާގެ 59 އިންސައްތަ މީހުން ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު ބޭނުންކުރެއެވެ. ނަމަވެސް ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު ބޭނުންކުރާކަމަށް ބުނީ އިނގިރޭސިވިލާތުގެ 19 އިންސައްތަ މީހުންނެވެ. އެ ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި ސާރާ ޕީ ޖޮންސް ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާގައި ޢާންމުން މާސްކު ބޭނުންކުރަން ފެށީ އެހެން ޤައުމުތަކަށްވުރެ ތަންކޮޅެއް ލަހުންކަމަށެވެ. އޭގެ ބަދަލުގައި ސްޕެއިނާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތުގައި މާސްކު ބޭނުންކުރަން ފެށިލެއް އަވަހެވެ. ޖޮންސް ވިދާޅުވި ގޮތުގައި ބަލީގެ ނުރައްކާ ބޮޑުކަމަށް ޤަބޫލުކުރެވޭ މިންވަރާއި މާސްކު ގަތުމަށް ކުރާ ޚަރަދާއި މާސްކުން ލިބޭ ފައިދާއާއި މާސްކު ލިބެން ހުންނަ ފަސޭހަކަމަކީ މާސްކު ބޭނުންކުރުމާމެދު ގޮތެއް ނިންމުމުގައި އާންމުން ވިސްނާ ކަންކަމެވެ.

ގިނައިން މާސްކު ބޭނުންކުރާ ޤައުމުތަކުގެ މީހުން ބައްޔާމެދު ހިތްނުތަނަވަސްވާ މިންވަރު ބޮޑުކަމަށާއި މާސްކާމެދު ސަރުކާރުގެ ސިޔާސަތުތައް ބަދަލުވުމުން މާސްކާމެދު ޢާންމުން ވިސްނާ މިންވަރު އިތުރުވާކަމަށް ފާހަގަވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވަރަށް ހަލުވިކަމާއެކު ބަލި ފެތުރުނު ޤައުމުތަކުގައި މާސްކު ބޭނުންކުރުމާމެދު ޢާންމުން ޖެހިލުން ނުވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ނޭވާލާ ނިޒާމަށް ޖެހޭ އެހެން ބަލިތައް މީގެ ކުރިން ފެތުރިފައިވާ ޤައުމުތަކުގައިވެސް މާސްކު ބޭނުންކުރުމަށް މީހުން ތައްޔާރުވި މިންވަރު އިތުރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކެނެޑާގެ ކިއުބެކް ޔުނިވާސިޓީގައި މަސައްކަތްކުރައްވާ ޕްރޮފެސަރެއްކަމަށްވާ ކިމް ލައުވަ ވިދާޅުވީ މާސްކު ބޭނުންކުރުމަށްވުރެ ބޮޑަށް ރަނގަޅީ އަތްދޮވުމާއި ސެނިޓައިސަރ ބޭނުންކުރުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ. ނަމަވެސް ރައީސް ޓްރަންޕުފަދަ ބޭފުޅުން މާސްކު ބޭނުންކުރައްވާ މަންޒަރު ފެނުމަކީ ޢާންމުން މާސްކު ބޭނުންކުރުމަށް ހިތްވަރު ލިބޭނެކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.