ކުޅިވަރު

ބާސެލޯނާގެ ފޯވާޑް އުސްމާނޯ ޑެމްބެލެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި



އަނިޔާގެ ސަބަބުން ހަމަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ބާސެލޯނާގެ ފޯވާޑް އުސްމާނޯ ޑެމްބެލެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ފްރާންސްގެ ތަރި ޑެމްބެލޭއަށް އަނިޔާވީ މިއަހަރުގެ ފެބްރުއަރީމަހު ފަރިތަކުރުންތަކުގައި ހަރަކަތްތެރިވަނިކޮށެވެ. އެގޮތުން ކަނާތުފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޭނާވަނީ ފިންލޭންޑުގައި ސާޖަރީއެއްވެސް ކޮށްފައެވެ.

ބާސެލޯނާއިން އަންގާރަދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެ ޑެމްބެލެ ވަނީ ފިޓްނެސް ޑްރިލްތަކެއް ފުރިހަމަކޮށްފައެވެ. ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާންފެށި ނަމަވެސް ބާސާއިން އަދި އޭނާ ކުޅުމުގެ ތެރެއަށް ނިކުންނާނެ ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ.

މީޑިއާރިޕޯޓްތަށް ބުނާގޮތުން މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ބާކީއޮތް މެޗުތަކުގައި ޑެމްބެލޭ ފެނިގެންދާނެއެވެ. ނުވަތަ ބާސާއިން ދެން އޭނާ ބޭނުންކުރާނީ އަންނަ ސީޒަންގައެވެ.