ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ފުރުން މާނާކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ ) ގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކްރިމިނަލްކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި ނިންމުމާއި އެކު ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ހުރި އަދީބު މިއަދު ވަނީ އެއްކޮށް މިނިވަންވެފައެވެ.
ފުލުހުން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީ ކުށްތަކާއި ގުޅިގެން ކްރިމިނަލްކޯޓްގައި އުފުލާފައިވާ ދައުވާތައް ބާތިލުކުރުމުން އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށް ނިންމާފައިވާތީ މި މައްސަލާގައި ހިމެނޭ އަހްމަދު އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓްގައި އެދިފައިވާކަމަށެވެ. އަދި އެ މައްސަލާގައި ކްރިމިނަލްކޯޓުން ވަނީ އަހްމަދު އަދީބު ފުރުން މަނާކޮށް މިރޭ އަމުރެއް ނެރެދީފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މީގެކުރިން ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަހްމަދު އަދީބު ވަނީ ސިންގަޕޫރްގެ ޓަގް ބޯޓެއްގައި ފިލައިގެންދާ މަސައްކަތްކޮށްފައެވެ. މި މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާއަށް އޭނާ އިޢުތިރާފުވުމާއެކު އަދަބެއްގެ ގޮތުން 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އެހުކުމް ތަންފީޒުކޮށް އަދީބު ނިންމަވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއެއް ކްރިމިނަލްކޯޓުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލަ ނިންމާ ކްރިމިނަލްކޯޓުން ނިންމި ނިންމުމުގައި ވަނީ އަދީބާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްބުން ހަދާފައިވަނީ އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުުވުމަށް ޝަރުތުކޮށްފައިކަމަށެވެ. އެހެންނަމަވެސް ގައިދީން ބޭސްފަރުވާއަކީ ޕީޖީއާއި ގުޅޭކަމަކަށް ނުވާތީ އަދީބާއި ދައުލަތާއި އެކު ހަދާފައިވާ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްކަމަށެވެ. އަދި އެ އެއްބަސްވުމަކީ މަޖްބޫރު ހޯދާފައިވާ އެއްބަސްވުމެއްކަމަށް ބަލަންޖެހޭކަމަށާއި އެއީ ޤާނުނު އަސާސީއާއި ހިލާފުކަމެއް ކަމެއްކަމަށްވެސް ކްރިމިނަލްކޯޓުގެ ނިންމުމުގައިވެއެވެ.
ދަށުކޯޓްގެ މި ނިންމުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމު ވިދާޅުވީ ކޯޓުގެ އެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނުނާއި ހިލާފު ނިންމުމެއްކަމަށެވެ. އަދި ކްރިމިނަލްކޯޓްގެ ނިންމުން ޤާނުނީ ގޮތުން ބަލައި ނުގަނެވޭކަމަށާއި އެ މައްސަލަ މާދަމާ އިސްތިއުނާފުކުރައްވާނެކަމަށެވެ. މި ނިންމުން ނިންމި ކްރިމިނަލްކޯޓްގެ ގާޒީގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށްވެސް ޕީޖީ ޝަމީމު ވަނީ ވިދާޅުވެފައެވެ.