ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާއަކީ ބަޠިލު ދައުވާއެއްކަން ޔަޤީންވެއްޖެ - އިދިކޮޅު


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ބާޠިލު ދައުވާތަކެއްކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީވެސް ބަޠިލު ދައުވާއެއްކަން ސާބިތުވެއްޖެކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން އަޙްމަދު އަދީބު މިނިވަންކުރުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައިސް ޔާމީންގެ މައްޗަށް އުފުލި ދައުވާއަކީ ބާޠިލު ދަޢުވާއެއްކަން ހާމަވެގެން ހިނގައްޖެކަމަށާއި، އެއީ ޞައްޙަ ދައުވާއެއް ނޫންކަން ޔަޤީންވެގެން ހިނގައްޖެކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލާގައި ދައުވާ އުފުލި އެންމެން މިހާރު މިނިވަން ވެފައިވުމުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ މިހާރު ވުޖޫދުގައި ނެތް މައްސަލައެއްކަން އެނގިގެން ހިނގައްޖެކަމަށެވެ. އެމްއެމްޕިއާރުސީގެ ތަޙްޤީޤާއި ގުލުން ހުރި ހުރިހާ ކަމެއް މިހާރު ބާޠިލުވެގެން ގޮސްފައިވާކަމަށާއި، އެހެންކަމުން ރައީސް ޔާމީން ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން ދޫކޮށްލުމަށް ޢަބްދުއްރަޙިމް ވަނީ ގޮވާލައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޝަރީޢަތް ހިންގައި ހުކުމް ތަންފީޒް ކުރުމަށް ޖަލުގައި ހުންނެވީ ރައީސް ޔާމީން އެކަންޏެވެ.