ޚަބަރު

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކޯޓުން ބޭރުކޮށްލުމާއި އެކު އޭނާ މިނިވަންވެއްޖެ


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ކޯޓުން ބޭރުކޮށްލުމާއި އެކު އަދީބު މިނިވަންވެެއްޖެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތްދަޢުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް މިއަދު ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ އިސްމާއިލް ރަޝީދެވެ.

ދައުވާތައް ބާތިލް ކުރުމުގައި ބޮޑަށް ބިނާކޮށްފައި އޮތީ އަދީބު އާއިއެކު ތަހުޤީގު މަރުހަލާގައި ޕްރޮސެކިއުޓަރ ޖެނަރަލް އާއި އަދީބުއާއެކު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށެވެ. އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމާ ގުޅޭ ދެ އެއްބަސްވުމެއް ވެފައިވާއިރު އެއީ ޕްރޮސެކިއުޓާ ޖެނަރަލްއަށް ލިބިދީފައިނުވާ ބާރެއްގެ ދަށުން ވެފައިވާ ގާނޫނީ ސައްހަ ކަމެއް ނެތް އެއްބަސްވުންތަކެއް ކަމުގައި ޣާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުށަށް އިއުތިރާފުވުމާއި ތަހްގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ބޭސްފަރުވާއަށް ފޮނުވާނެކަމަށް އެއްބަސްވެފައި އޮތުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލި އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އޭނާގެ މައްޗަށް ހުކުމްވެސް އައިސްފައިވެ އެވެ. އެހެން ނަމަވެސް ހައިކޯޓުން ވަނީ ފަހުން އެ ހުކުމްތައް ބާތިލްކޮށްފައި އެވެ. އޭރު އެ މައްސަލަތައް ބާތިލްކުރީ އޭނާގެ މައްޗަށް އޭރު ދައުވާތައް ކޮށްފައި ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ހިލާފަށް ސިޔާސީ ނުފޫޒު ވަދެފައިވާ ތަހްގީގުތަކެއްގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. ނަމަވެސް ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ އާއި ދައުވާތައް ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އޮތީ އިސްތިއުނާފުކޮށްފައެވެ.

އަދީބުގެ މައްޗަށް ފަހުން ހަތް ދައުވާ އުފުލިއިރު އެ މައްސަލަ ހައިކޯޓުގައި އޮތެވެ.

ދައުލަތުން އަދީބުއާއެކު ވެފައިވާ ކުށަށް އިއުތިރާފުވުމާއި ތަހްގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ކޯޓުގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނަގާނެ ކަމަށް ޝަރުތުކޮށްފައިވާކަން ވެސް ފާހަގަކޮށް ގާޒީ ވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފާހަގަ ކުރައްވާފައި އެވެ.

އަދީބުގެ މައްޗަށް އައު ތަހްގީގުތައް ހިންގައި ދައުވާތައް އުފުލިއިރު އެ މައްސަލަތައް ތަހްގީގުކޮށްފައި ވަނީ ހަމަ އެއް ފުލުސް އޮފިސަރުންތަކެއްކަމަށްވާއިރު އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށް ވެސް ގާޒީވަނީ ފާހަގަކުރައްވާފައެވެ.

އަދީބު މިހާތަނަށް ބަންދުގައި ހުރީ ކްރިމިނަލް ކޯޓަށް އުފުލާފައިވާ ދައުވާތަކާމެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރުގެ ދަށުންނެވެ. އޭގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފާއި ވަނިކޮށް ފިލައިގެން ދިޔަ މައްސަލައިގައި ކޮށްފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށްފައި އެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން ކުރި އެ ހުކުމް ތަންފީޒުކޮށް ނިމުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.

އަދީބުގެ މައްޗަށް އޭގެ ކުރިންކޮށްފައިވާ އެކި ދައުވާތަކާއި ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެހުކުމްތައް މީގެ ކުރިން ސްޕްރީމްކޯޓުން ވަނީ ބާޠިލްކޮށްފައެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލަން ގާޒީ ނިންމެވި ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު ޕީޖީއަށް ލިބިގެންނެވެއެވެ.