ޚަބަރު

މަނަވަރުގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާނުލެވޭ


އެމެރިކާގެ ސެން ޑިއޭގޯގެ އަސްކަރީ ބަނދަރުގައި އަޅާފައި އޮތް މަނަވަރެއްގައި ރޯވި އަލިފާންގަނޑު އަދިވެސް އަނދަމުންދާކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެއް ހާސް ފަޅުވެރިން މަސައްކަތްކުރާ ޔޫއެސްއެސް ބޮންހޯމު ރިޗާޑު ނަމަކަށް ކިޔާ އެ މަނަވަރުސެން ޑިއޭގޯގެ ބަނދަރުގައި އަޅާފައިއޮތީ ބައެއް މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށެވެ. ޖުލައި މަހުގެ 12ވަނަ ދުވަހުގެ ހެނދުނު މަނަވަރުގައި އެއްޗެއް ގޮވައި އަލިފާން ރޯވެފައިވާކަމަށާއި އެ ވަގުތު 160 މީހުން އުޅަނދުގައި ތިބިކަމަށް އެމެރިކާގެ ކަނޑު ސިފައިންގެ ލަޝްކަރުންވަނީ ބުނެފައެވެ. އެ ހާދިޘާގައި މަނަވަރުގައި ހުރި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް 17 ފަޅުވެރިޔަކާއި ޢާންމުންގެ 4 މީހުންވަނީ ޒަޚަމްވެފައެވެ.

މަނަވަރުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައެއް ނުވެއެވެ. ސެން ޑިއޭގޯގެ އަލިފާން ނިއްވާ މަރުކަޒުން ބުނީ ދުވަސްތަކެއް ވަންދެން އެ އުޅަނދު އަނދައަނދާ އޮތުން އެކަށީގެންވާކަމަށެވެ.