ޚަބަރު

ޢަލީ ވަޙީދު ރާއްޖެއިން ފުރުން މަނާކޮށްފި


ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ރާއްޖެއިން ފުރުން މަނާކޮށްފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާގޮތުގައި ޢަލީ ވަހީދު ރާއްޖެއިން ފުރުން މަނާކުރީ އޭނާ ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން އެމިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ މިވަގުތު ތަހްޤީޤުކުރަމުންދާތީއެވެ.

މިހާރު ފުލުހުން ތަހްޤީޤުކުރަމުންދާ މިމައްސަލާގައި ޢަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުންވަނީ ބަލައި ފާސްކޮށްފައެވެ. އަދި ފޯނަޚާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ވިދާޅުވިގޮތުގައި ޢަލީ ވަހީދުގެ މައްސަލަ ވބަލަމުންދާތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ވަނީ މިހާރު ހިފަހައްޓާފައެވެ. އަދި އޭނާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.

ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އޭނާ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، ޖެހިގެންއައި ދުވަހު ރައީސްވަނީ އޭނާ މަޤާމުން ވަކިކުރައްވާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައެވެ.

ޢަލީ ވަޙިދުގެ މައްޗަށް ތުހުމަތުކުރެވެނީ އެ މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުންވެސް އަދި ޖެންޑަރ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.

އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ. އެއީ ޓުވިޓާގައި މީހަކު ޢާއްމުކުރި އޯޑިއޯ ކްލިޕްތަކުގައި މިނިސްޓަރ ޢަލީވަޙީދު ކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން ބަދުއަޚުލާޤީ ވާހަކަތަކެއް ދައްކަވާ މައްސަލައެވެ.

މިއޯޑިއޯގައި ޢަލީވަޙީދުކަމަށް ބެލެވޭ މީހާ ނަހަމަގޮތުގައި ޖިންސީގުޅުން ހިންގާ ވާހަކައާއި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ އާއި ބެހޭގޮތުން ބޭއަދަބީ ބަހުން ވާހަކަދައްކަވާފައި ވެއެވެ.

ޢަލީވަޙީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އިސްތިއުފާދެއްވަން ރައީސް އެންގެވިއިރު، މިއީ މިބާވަތުގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތު ލިބެއެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅުއްވަނީ "ޒީރޯ ޓޮލަރެންސް"ކަމަށް ސަރުކާރުން ވަނީ ކުރިންވެސް ޙާމަކުރައްވާފައެވެ.