ޚަބަރު

ގިނަ މީހުން އެއްވާ ޙަފުލާތައް ބޭއްވުން އީރާނުގައި މަނާކޮށްފި


ގިނަ ބަޔަކު ބައިވެރިވާ ޖަނާޒާތަކާއި ކައިވެނި ޙަފުލާތައް ބޭއްވުން އީރާނުގައި މަނާކޮށްފިއެވެ. އީރާނުގެ ފުލުހުންގެ އިދާރާއިން އެ ނިންމުން އިޢުލާނުކޮށްފައިވަނީ ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި އެފަދަ އެއްވުންތައް މަނާކުރުމަށް އެ ޤައުމުގެ ރައީސް ހަސަން ރޫޙާނީ ގޮވާލެއްވިތާ އިރުކޮޅެއްގެ ތެރޭގައެވެ.

ކޯވިޑް-19 ފެތުރޭ މިންވަރު އީރާނުގައި އިތުރުވެފައިވަނީ އެއްވުންތަކުގެ ސަބަބުންކަމަށް ރައީސް ރޫޙާނީވަނީ ފާހަގަކުރައްވައިފައެވެ. ރޫޙާނީ ވިދާޅުވީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް އީރާނުގެ ހުރިހާ ސަރަޙައްދެއްގައި ބާއްވާ އެއްވުންތައް މަނާކުރަން ޖެހޭކަމަށެވެ. މިއީ ގިނަ ޢަދަދެއްގެ މީހުން އެއްވެގެން ބާއްވާ ޙަރަކާތްތަކާއި ސެމިނަރތައް ބާއްވަންވީ ވަގުތު ނޫންކަމަށާއި ޔުނިވާސިޓީތަކަށް ވަނުމަށް ހަދާ އިމްތިޙާނުތައްވެސް މަޑުޖައްސާލަން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގައި 255،177 މީހުންނަށް ކޯވިޑް-19 ޖެހި، 12،635 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2،397 މީހުންނަށް ބަލި ޖެހި، 188 މީހުންވަނީ މަރުވެފައެވެ. ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލީގައި މަރުވާ މީހުންގެ ޢަދަދު 60،000އަށް އިތުރުވެދާނެކަމުގެ އިންޒާރު ޞިއްޙީ އެހީތެރިންވަނީ ދީފައެވެ.

ޤައުމުގެ އިޤްތިޞާދު އެއްކޮށް އަޑިއަޅާލަފާނެކަމުގެ ބިރު އޮތުމުގެ ސަބަބުން އީރާނުގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތަށްވަނީ ހިޔަނިއެޅިފައެވެ.