ޚަބަރު

ދުޅަހެޔޮ އާބާދީއެއް ބިނާކުރުގައި ހޯދުނު ކުރިއެރުން ދެމެހެއްޓޭނީ، ޞިއްޙީ އަދި އިޖްތިމާޢީ ކަންކަމަށް އިސްކަންދީގެން - ރައީސް


ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓޭނީ ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ޞިއްޙީ އަދި އިޖްތިމާޢީ ކަންކަމަށް އިސްކަންދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަވާފައެވެ.

ރައީސް ވިދާޅުވީ ދުޅަހެޔޮ އާބާދިއެއް ބިނާކުރުމުގައި މި ސަރަޙައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ދެމެހެއްޓޭނީ، ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާޢީ ކަންކަމަށް އިސްކަންދީގެން ކަމަށެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ކަމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ޤައުމެއްގެވެސް އާބާދީއާއި ގުޅިފައިވާ މައްސަލަތަކާއި މެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރިކުރުވުން ކަމުގައެވެ. މިގޮތުން، މުޖުތަމަޢުގެ ތެރޭގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާއި މެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން މީގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި އެވެ.

މި ޝިޢާރަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުންނެވެ. އަދި، އޭގެ އެއް ސަބަބަކީ، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީވެސް އަންހެނުންކަމުގައި ވާތީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކޯވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދު ނަމަވެސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމުގައެވެ. އަދި، މި ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވުންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވެސް ޚާއްޞަ އިސްކަމެއް ދީގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަތަކެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.