ޚަބަރު

ބަލްގޭރިޔާއާއި ކުރޮއޭޝިޔާގައި ޔޫރޯ ބޭނުންކުރަން ފަށަނީ


ޔޫރޯ ޒޯނާ ގުޅި ރަސްމީ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރުމަށް ބަލްގޭރިޔާއާއި ކުރޮއޭޝިޔާ ތައްޔާރުވެއްޖެއެވެ.
މިއީ ފާއިތުވި 5 އަހަރުގެ ތެރޭގައި ޔޫރޯ ބޭނުންކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ މަރުހަލާގައި ބައިވެރިވުމަށް ފުރުޞަތު ޤައުމަކަށް ދިން ފުރަތަމަ ފަހަރެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކު، އީސީބީއާއި ޔޫރޯ ޒޯނުގެ މާލީ ވަޒީރުންވަނީ ވިލާތުގެ ބެންކުގެ ނިޒާމުގައި ބަލްގޭރިޔާއާއި ކުރޮއޭޝިޔާ ބައިވެރިކުރުމަށް އެއްބަސްވެފައެވެ. އެއާއެކު އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ދެ ޤައުމުގެ އެންމެ ބޮޑެތި ބޭންކުތަކުގެ ހިންގުން އީސީބީގެ ބެލުމުގެ ދަށަށް ދާނެއެވެ.

ޤައުމެއްގެ ރަސްމީ ފައިސާގެ ގޮތުގައި ޔޫރޯ ތަޢާރަފުކުރުމުގެ ކުރިން އީއާރުއެމް-ޓޫ މަރުހަލާގައި އެންމެ މަދުވެގެން ދެ އަހަރު އޮންނަންޖެހޭނެއެވެ. އެއަށްފަހު ޔޫރޯ ބޭނުންކުރާ ޤައުމަކަމަށްވުމަށް ޢަމަލީ މަސައްކަތްތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ. އެ މަރުހަލާގައި ގާތްގަނޑަކަށް އެއް އަހަރު ދުވަސް ފުރިހަމަކުރަން ޖެހޭނެއެވެ. އެހެންކަމުން އެންމެ އަވަހަށްވެސް ޔޫރޯ ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައި ބަލްގޭރިޔާއާއި ކުރޮއޭޝިޔާ ކަނޑައެޅޭނީ 2023ވަނަ އަހަރެވެ.

ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ އާމުދަނީއެއް ލިބޭ ޤައުމަކީ ބަލްގޭރިޔާއެވެ. 2007ވަނަ އަހަރު ވިލާތުގެ އިއްތިޙާދާ ގުޅުނު ބަލްގޭރިޔާއަށްވަނީ ފަޤީރުކަމާއި ރޭވިގެން ކުރާ ބޮޑެތި ކުށްތަކުގެ ސަބަބުން ބޮޑެތި އިޤްތިޞާދީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޔޫރޯ ޒޯނުގައި ބައިވެރިވުމަކީ ބަލްގޭރިޔާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. ޔޫރޯ ޒޯނުގައި ބައިވެރިވުމަކީ ވިލާތުގެ އިއްތިޙާދާ 2013ވަނަ އަހަރު ގުޅުނު ކުރޮއޭޝިޔާއަށްވެސް އިޤްތިޞާދީ ކުރިއެރުންތަކެއް ޔަޤީންކަމާއެކު ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވާނެއެވެ. އޮކްޓޯބަރު މަހުން ފެށިގެން ދެ ޤައުމުވެސް އީސީބީގެ ބޯޑުގައި ހިމަނައި ވޯޓުލުމުގެ ހައްޤު ދޭނެއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުންވެސް އިޤްތިޞާދީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ޔޫރޯ ޒޯނުގެ މެންބަރަކަށްވުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަކުރަން ޖެހޭނެއެވެ. އޭގެ އިތުރުން ފައިސާގެ އަގުވެސް އެއްވަރެއްގައި ހިފަހައްޓަން ޖެހޭނެއެވެ.

ކުރިއަށް އޮތްތަނުގައި ޝެންޒެން ޤައުމުތަކުގެ ގޮތުގައި ބަލްގޭރިޔާއާއި ކުރޮއޭޝިޔާ ކަނޑައެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.