ޚަބަރު

ރާއްޖެއާ އިންޑިއާގެ ގުޅުމަށް 50 އަހަރުފުރުން ފާހަގަކޮށްފި


ރާއްޖެއާ އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.ރޭ އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށްދިޔަ މިހަފްލާ ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓާރނަލް އެފެއާރޒް ވީ.ކޭ ސިންހްއެވެ. މި ހަފްލާގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 50 އަހަރު ފުރިގެންދާއިރު ދެޤައުމުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.އެގޮތުން ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ދެޤައުމުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ހައިކޮމިޝަނަރ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ޤާއިމުކޮށް ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެހާލަތެއްގައިވެސް އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލުމުގެ މައްޗަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ.މިހަފްލާގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެޤައުމުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.