ޚަބަރު

މީޑިއާތަކަށް ފިޔަވަޅު އަޅަން ޤަވައިދެއް ހެދުމަކީ ކަންބޮޑުވާކަމެއް - އެޑިޓަރުން


މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާޢަތު ބަޔާންކުރާ ޤަވާއިދެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އެންގި އެންގުމާމެދު ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަފާރީއެއްގައި އަންހެނަކު ރޭފްކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ވަނީ މަޖިލީހުން ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ބުނެފައިވަނީ ސަފާރީއެއްގައި އަންހެނަކު ރޭފްކުރިކަމަށް ބުނާ މައްސަލާގައި ހަޤީގަތާއި ހިލާފު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ގެނެސްދީފައިވާނަމަ އެކަން ބަލާދިނުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ވަނީ އެދިފައެވެ. އަދި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ޚިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާޢަތު ބަޔާންކުރާ ޤަވާއިދެއް އެކުލަވާލަންވެސް ކޮމެޓީން ވަނީ އެދިފައެވެ. އެގޮތުން 10 މާރިޗު 2020 ގައި މީޑިއާ ކައުންސިލާއެކު އެ ކޮމިޓީން ބޭއްވެވި
އެދަލުވުމުގައި ދެކެވުނު ވާހަކަތަކާ ޙަވާލާދީ ބައެއް ލަފާތައްވެސް މަޖިލީހުންވަނީ މީޑިއާކައުންސިލަށް ދީފައެވެ. ވަކި ޤާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެންގޮތަކަށް އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި، އެ ޤަވާއިދާ ޚިލާފުވެއްޖެނަމަ، ދެހާސް ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެކަމަށް މަޖިލީހުންވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޙަވާލާދީ މީޑިއާކައުންސިލަށް ލަފާ ދީފައެވެ. އަދި މީޑިއާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކާމެދު މިއުސޫލުން އެކުލަވާލާ ޤަވާޢިދަކުން ފިޔަވަޅު އެޅިދާނެކަމަށް މަޖިލީހުގެ ސިޓީގައި ލަފާދީފައިވެއެވެ.

އަދި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ޤަވާއިދު އެކުލަވާލައްވައި، ޖުލައި މަހުގެ 8ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުއްވައިދެއްވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދިފައިވާކަމަށްވެސް މަޖިލީހުން މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ.

މިކަމާއި ގުޅިގެން ބައެއް މީޑިއާތަކުގެ އެޑިޓަރުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޓަރުންވަނީ މަޖިލީހުގެ މި ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ މި ނިންމުމަކީ މީޑިއާތަކަށް ބިރުދެއްކުމަށްކުރާ ކަމެއްގެ ގޮތުގައި އެޑިޓަރުންވަނީ ސިފަކުރައްވާފައެވެ.

މީގެއިތުރުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައިވެސް މީޑިއާތަކުގެ ކަންކަން ރަނގަޅަށް އެނގިލައްވާ ގިނަ ބޭފުޅުން ތިއްބަވާއިރު މީޑިއާގެ މިނިވަންކަމާއި ނޫސްވެރިން އަމަލުކުރަމުންދާ އުސޫލުތަކާއި ބީރައްޓެހިގޮތަކަށް ފިޔަވަޅުތަކެއް އެޅުން ބަލައި ނުގަނެވޭކަމަށްވެސް އެޑިޓަރުން ވަނީ ބުނެފައެވެ. އެޑިޓަރުންވަނީ ވެރިކަން ބަދަލުވެ އަބުރު ޤާނޫނު އުވާލުންފަދަ ނިންމުންތަކަކީ ނޫސްވެރިންނަށް ލިބިގެންދިޔަ ހިތްވަރެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުން މައުލޫމާތު ހޯދުމުގައި ބައެއް ދަތިތަކެއްހުރިކަން ފާހަގަކޮށް އެކަންކަން ހައްލުކުރުމަށްވެސް ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރައްވާނެކަމަށްވެސް އެޑިޓަރުން ފާހަގަކުރިއެވެ.