ޚަބަރު

މެކްސިކޯއާމެދު ޓްރަންޕު ދެކެވަޑައިގަންނަވާގޮތް ބަދަލުވެއްޖެ: އޮބްރަދޯ


މެކްސިކޯއާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ދެކެވަޑައިގަންނަވާގޮތް ބަދަލުވެއްޖެކަމަށް އެ ޤައުމުގެ ރައީސް އަންދުރޭ މެނުއަލް ލޮޕެޒް އޮބްރަދޯ ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި މެކްސިކޯގެ ރައީސުންވަނީ މި މަހުގެ 8ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓުހައުސްގައި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޓްރަންޕު މެކްސިކޯގެ ރައްޔިތުންނާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި އިޚްތިރާމަށް ރައީސް އޮބްރަދޯވަނީ ޝުކުރު ޢަދާކުރައްވާފައެވެ. އެހެން ވިދާޅުވުމުން ރައީސް އޮބްރަދޯއަށްވަނީ މެކްސިކޯގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން ރައީސް އޮބްރަދޯ ވިދާޅުވީ މެކްސިކޯގެ ރައްޔިތުންނާ ގުޅޭގޮތުން ވަކިގޮތަކަށް މީގެ ކުރިން ރައީސް ޓްރަންޕު ދެކެވަޑައިގެންނެވިނަމަވެސް އެ ވިސްނުން މިހާރު ބަދަލުވެފައިވާކަމަށެވެ. ރައީސް ޓްރަންޕާއެކު އޮތް ގުޅުން ވަރަށް ރަނގަޅުކަމަށާއި ދެ ބޭފުޅުންގެ ބައްދަލުވުމުގައި ޓްރަންޕު ވާހަކަދެއްކެވީ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މެކްސިކޯގެ ރައްޔިތުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ރައީސް ޓްރަންޕުވަނީ މެކްސިކޯއިން އެމެރިކާއަށް އަންނަ ހިޖުރަވެރިންގެ މައްސަލަ ޙައްލުކުރުމަށް ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގައި ފާރެއް ރާނަން ނިންމަވާފައެވެ. އެ ފާރު ރޭނުމުގެ ޚަރަދު މެކްސިކޯއިން ދޭންޖެހޭނެކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ހުށަހެޅުމަށް މެކްސިކޯއިންވަނީ ދެކޮޅު ހަދައިފައެވެ.

2018ވަނަ އަހަރު ރައީސްކަމާ އޮބްރަދޯ ޙަވާލުވެވަޑައިގަތުމުން ޓްރަންޕުވަނީ ހިޖުރަވެރިންގެ މައްސަލައަށް އެދެވޭ ޙައްލެއް ނުގެނެވިއްޖެނަމަ މެކްސިކޯއިން އެތެރެކުރާ މުދަލުން އިތުރު ޓެކްސް ނަންގަވާނެކަމުގެ އިންޒާރުދެއްވައިފައެވެ.