ޚަބަރު

13 ޤައުމަކުން ދަތުރުކުރާ މީހުންނަށް އިޓަލީވިލާތަށް އެތެރެނުވެވޭނެ


13 ޤައުމަކުން ދަތުރުކުރާ މީހުންނަށް އިޓަލީވިލާތަށް އެތެރެނުވެވޭނެކަމަށް އެ ޤައުމުން ބުނެފިއެވެ.

އިޓަލީވިލާތަށް ދަތުރުނުކުރެވޭނެ ޤައުމުތަކުގެ ގޮތުގައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ އަރުމޭނިޔާއާއި ބަޙުރެއިނާއި ބަންގްލަދޭޝާއި ބުރެޒިލާއި ބޮސްނިޔާއާއި ޗިލީއާއި ކުވައިތާއި ނޯތު މެސެޑޯނިޔާއާއި މޮލްޑޯވާއާއި އޮމާންނާއި ޕަނާމާއާއި ޕެރޫގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ. އިޓަލީވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ރޮބާޓޯ ސުޕެރަންޒާ ވިދާޅުވީ ފާއިތުވި 14 ދުވަހު އެ ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި ދަތުރުމަތީގައި އެ ޤައުމުތަކުގައި މަޑުކޮށްފައިވާ މީހުންނަށް އިޓަލީވިލާތަށް އެތެރެނުވެވޭނެކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދާއި ޝެންޒެން ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުން ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ އިޓަލީވިލާތެވެ. އެ ޤައުމުގައި 242،363 މީހުންނަށް ބަލި ޖެހި، 34،926 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހުނީ 214 މީހުންނަށެވެ. އިޓަލީވިލާތަށް ލިބިފައިވާ ކުރިއެރުމަށް އިޝާރާތްކުރައްވާ ސުޕެރެންޒާ ވިދާޅުވީ ދުނިޔޭގައި ބަލި ފެތުރޭ މިންވަރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައިކަމަށާއި ފާއިތުވި ދުވަސްތަކުގައި އިޓަލީވިލާތުގެ ރައްޔިތުން ކުރި މަސައްކަތާއި ގުރުބާނީ ބޭކާރުވިޔަ ނުދެއްވާނެކަމަށެވެ.