ޚަބަރު

އަސުރު ނަމާދުގެ ޖަމާއަތާއިއެކު މާވެޔޮ މިސްކިތް މިއަދު ހުޅުވާލަނީ


މިއަދު އަސުރު ނަމާދުގެ ޖަމާއަތާއިއެކު މާވެތޮ މިސްކިތުގައި ނަމާދުކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ކުރެއް ވި ޓްވީޓެއްގައި ވިދާޅުވީ އަސުރު ނަމާދަށް މިސްކިތް ހުޅުވާލާ އާއްމުކޮށް ނަމާދުކުރަން ފަށާނެކަމަށެވެ.

މާވެޔޮ މިސްކަތަށް ކުރިން މަސްޖިދުލް ބަޙާއުއްދީން ކީނަމަވެސް މިހާރު ވަނީ މަސްޖިދުލް އަލީ ހުސައިންގެ ނަމަށް ބަދަލުކޮށްފައެވެ.

މިސްކިތުގެ ނަން ބަދަލުކޮށްފައި މިވަނީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތަކަސްވުމުންނެވެ. ޖަނާހުގެ ބައްޕާފުޅު އަލީ ހުސައިން އަކީ ހަކީމީ ބޭސްވެރިއެވެ.

މިސްކިތުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ. ކުރިން 400 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށްދީފައިވަނީ މުހައްމަދު އަލީ ޖަހާނުގެ އަމިއްލަ ހަރަދުގައެެވެ. މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައިވަނީ 2000 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ އިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައްވަނީ ހާއްސަކޮށްފައެވެ.

މާވެޔޮ މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައެއްގެ އިތުރުން، އަންހެނުންނަށް ނަމާދު ކުރަން ޚާއްސަ ބައެއް ކަނޑައަޅާފައިވާއިރު ނަމާދުކުރާ ބައިތައްވަނީ އެސީކޮށްފައެވެ. އަދި މިސްކިތުގައި ވަނީ ލިފްޓްވެސް ބަހައްޓާފައެވެ. މާވެޔޮ މިސްކިތް އެޅުމަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.