ޚަބަރު

ނިއުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވޭ - ޚުތުބާ

ކޯވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި ހުކުރު ކުރުން މެދު ކަނޑާލުމަށް އޮތުމަށްފަހު ހުކުރުކުރަން ފަށައިފިއެވެ. މާލޭ ސަރަހައްދުގައި ޖަމާއަތުގައި ހުކުރު ނަމާދުކުރަން ފަށާފައި މިވަނީ 4 މަސްވާން ކައިރިވެފައިވަނިކޮށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ. އަދި 15 އޭޕްރީލްގައި މާލެއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއި އެކު މިސްކިތްތައް ބަންދުކުރިއެވެ.

މާލެގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއިއެކު ޖަމާއަތް ނުހަދާ ނަމާދުކުރަން ޖޫން 15 ވަނަދުވަހުން ފެށިގެން ހުއްދަދިނުމަށްފަހު އަލުން ޖަމާއަތުގައި ނަމާދުކުރަން ފެށި މިމަހުގެ 1 ވަނަދުވަހުއެވެ. އެހެންނަމަވެސް މިދިޔަ ހުކުރުގައި ޖަމާއަތުގައި ނަމާދުކޮށްފައެއް ނުވެއެވެ.

ހުކުރު ކުރަން ފެށިއިރު ހުކުރު ނަމާދުގެ ޚުތުބާ ވަނީ އާއްމު ހުކުރަކަށްވުރެ ކުރުކޮށްފައެވެ. މި ހަފްތާގެ ޚުތުބާ ޚާއްސަކޮށްފައިވަނީ "ނިޢުމަތަށް ޝުކުރުކުރުން" މި މަޢުޟޫއަށެވެ. ޚުތުބާގައި ވަނީ މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ހަދާންކޮށްދެއްވާފައެވެ. މިގޮތުން މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ނުވަސަތޭކަ އަހަރު ކުރިން އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތުގެ ދައްކަވައި މާތްﷲ އަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާ އެދުވަހުން ފެށިގެން ދިވެހި ފަސްގަނޑަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ނިޢުމަތަށްވެސް ޝުކުރު އަދާކުރަންޖެހޭނެކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ މިކަން ކުރުމަށްޓަކައި ކާބަފައިން ނުހަނު ބޮޑު ޤުރުބާނީއެއް ވެފައިވާކަމަށާއި މި ޤައުމު މުސްލިމު ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ .އަދި މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ސިއްޙަތާއި ޢާފިޔަތުގެ ނިޢުމަތުގެ މަތިންވެސް ޚުތުބާގައިވަނީ ހަދާންކޮށްދެއްވާފައެވެ.

"ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނާއިގައިވަނީ " "ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް ﷲ އަށް ދަންނަވާށެވެ! ފަހެ ހަމަކަށަވަރުން ޢާފިޔަތަށް ވުރެ ރަނގަޅު ކަމެއް ﷲ ގެ އަޅަކަށް ދެއްވިގެން ނުވެތެވެ." ކީރިތިރަސޫލާ މި ބަޔާންކުރައްވާ ގޮތުގައި ޞިއްޙަތާއި، ޢާފިޔަތަކީ، އެކަންކަމާ މެދު ގިނަ ބަޔަކުފަރުވާ ކުޑަކުރާ ކަންތައްތަކެކެވެ."ޚުތުބާގައި ވިދާޅުވިއެވެ.

އެތައް ދުވަހެއް ފަހުން މިއަދު ހުކުރު ނަމާދު މިސްކިތްތަކުގައި ކުރެވޭތީ އެކަމަށާއި ޝުކުރުވެރިވުމަށާއި މިހާރު ކޯވިޑް 19 ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިންނަމަވެސް ކުރިއަށް އޮތް ތާނގައިވެސް ޢާއްމު ޞިއްޙަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. ގިނަގިނައިން އަތް ދޮވުމާއި، ޢާއްމު ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިއްމުކަން ވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

" ދިރިއުޅުމުގެ ވައްޓަފާޅިއާ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސާފުތާހިރުކަމުގެ މިންގަޑުތަކަށް އިޙްތިރާމްކުރަން މަޖުބޫރުކުރުވީ ކޮން ކަމެއްހެއްޔެވެ؟ ލޮލަށް ނުފެންނަ ކުޑަ ކުޑަ މަޚްލޫޤެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ، ޢާއްމު ޚިދުމަތްތައް ހުއްޓި އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން، އިންސާނުންނަށް ލިބިގެން ދިޔައީ ކޮންފަދަ ބޮޑު އިބުރަތްތެރި ފިލާވަޅެއް ހެއްޔެވެ." ޚުތުބާގައި ވިދާލުޅުވިއެވެ.

ހުކުރު ޚުތުބާގައި ވަނީ ޤައުމަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީގެ އަސާސަކީ ޤައުމުގައި މިއޮތް އަމަނާއި އަމާންކަންކަމަށާއި ޤައުމުގެ މުއްސަނދިކަމާއި ކެރިފޯރުންތެރިކަން ހެޔޮގުތުގައި ބޭނުން ކުރެވެމުންދަނީ އަމަންކަމަާއި ސުލްހަވެރިކަމާއެކުގައިކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަން ދަމަހައްޓަވާ ދެއްވާތޯ އެދި މާތް ﷲގެ ހަޒްރަތުގައި ޝުކުރު ދަންނަވަން ޖެހޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.