ޚަބަރު

އިންޑިއާ ކަނޑުގައި ބާނިތައް ބޮޑުވެ ރަށްތަކަށް ރާޅު އަރާނެ، މޫދަށް އެރުމުގައި ސަމާލުވޭ


ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

ރަށްތަކަށް ރާޅުއަރާނެކަމަށް ބެލެވޭތީ ޚާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މޫދަށް އެރޭ ފަރާތަކުން މޫދަށް އެރި އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާ އެކިވަރުގެ ގެއްލުންތައް އަންނަނީ ވަމުންނެވެ. މިގޮތުން ބައެއް ރަށްތަކަށް އަންނަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރުން އެކަށީގެން ވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.