ޚަބަރު

މެޓްފޯރމިން ހައިޑްރޯކްލޮރައިޑް ބޭސް ބޭނުންކުރުން ހުއްޓާލުމަށް އަންގައިފި


ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ގޮސްފައިވާ ފަރާތްތަކުގެ ތެރެއިން މެޓްފޯރމިން ހައިޑްރޯކްލޮރައިޑް އެކްސްޓެންޑެޑް ރިލީސް ޓެބްލެޓްސް ޔޫއެސްޕީ ފައްސަތޭކަ މިލިގްރާމްގެ ބޭސް ބޭނުންކުރައްވާ ފަރާތްތަކުން އެބޭސް ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެފްޑީއޭއިން ޢާއްމުކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވީ ކެންސަރަށް މަގުފަހިކުރާ މާއްދާ ހިމެނޭ މިބޭހަކީ ރާއްޖޭގެ ބާޒާރުގައި ހުންނަ ބޭހެއް ނޫންނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުން މިބޭސް ބޭނުންކުރުން އެކަށީގެންވާތީ އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށެވެ. މިބޭހަކީ ހަކުރު ހުންނަ މީހުން ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބޭހެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މިބޭހަކީ ރާއްޖެއަށް އެތެރެކުރާ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. އެހެންނަނަމަވެސް މިވަގުތު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކާއި އަދި ބޭރުން ބޭސް ގެނެސްގެން ބޭނުންކުރާ ފަރާތްތަކުން މިބޭސް ބޭނުންކުރަމުން ދިޔުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް ޢާއްމުކޮށް އަންގާކަމަށެވެ. އަދި މިބޭސް ރާއްޖޭގައި ވިއްކުމަށް އެތެރެ ނުކުރުމަށްވެސް އެއޮތޯރިޓިންވަނީ އަންގާފައެވެ. ރާއްޖޭއިން އެންމެ ގިނަ ޢަދަދަކަށް ބޭސްފަރުވާއަށް ދިވެހިންދާ އިންޑިއާގައި މިބޭސް ބޭނުންކުރެއެވެ. އެމްއެފްޑީއޭއިން ވަނި މިބޭހައި ގުޅޭ މަޢުލުމާތެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް އެއޮތޯރިޓީއަށް އެންގުމަށް އެދިފައެވެ.

ކެންސަރަށް މަގުފަހިކުރާ މާއްދާއެއް ހިމެނޭ މެޓްފޯރމިން ހައިޑްރޯކްލޮރައިޑް ބޭސް ބާޒާރުން ނެގުމުގެ މަސައްކަތް އެބޭސް އުފައްދާ ކުންފުނިންގމިހާރުވަނީ ފަށާފައެވެ. މިބޭހަކީ އެޕޯޓެކްސް ނަމަކަށްކިޔާ ކުންފުންޏަކުން އުފައްދާ ބޭހެއްކަމަށާއި މިބޭހުގައި ކެންސަރު ބައްޔަށް މަގުފަހިވާ މާއްދާތަކެއް ހުރިކަމަށް ޓެސްޓުތަކުން ދެއްކުމާ ގުޅިގެން ބޭސް ދުނިޔޭގެ ބާޒާރުން ނެގުމުގެ މަސައްކަތް އެކަން އަންނަނީ ކުރަމުންނެވެ.

ރާއްޖެއަށް ބޭސް އެތެރެކުރަނީ އެމްއެފްޑީއޭއިން އެކުލަވާލާފައިވާ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތަކެވެ. އަދި ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭހުގެ ކަންކަން އެމްއެފްޑީއޭއިން އަންނަނީ ވަރަށް ގާތުން ބަލަމުންކަމުގައި އެއޮތޯރިޓީން ވިދާޅުވެއެވެ.