ޚަބަރު

ޖިންސީ ގޯނާކުރާކަން ފޮރުވިކަމަށް ބުނާ މަންމަ ރައްޔިތުން ނުކުމެ ރަށުން ބާލައިފި


މާފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ފޮރުވިކަމަށް ބުނާ މީހަކު ރަށުން ބޭލުމަށް ގޮވާލާ އިހްތިޖާޖުކުރުމުން ފުލުހުން ގޮސް އެމީހާ ރަށުން ބާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބެލުމުގެ ދަށުން ރަށުން ބަލާފައިވަނީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ މަންމައެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާކުރަމުން އައީ އެ ކުއްޖާގެ ދޮން ބައްޕައެވެ.

މި އަންހެން މީހާ އުޅޭ ގޭކައިރިއަށް ރަށިގެ ގިނަ ބަޔަކު އެއްވެ އޭނާ ރަށުން ބޭލުމަށް ގޮވާލާ މިރޭ ވަނީ މުޒާހަރާކޮށްފައެވެ. މި މައްސަލާގައި ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުން މިމީހާ މިހާރު ރަށުން ބާލާފައިވާކަމަށެވެ. އަދި އެމީހާ ރަށުން ބޭލީ އެވަގުތުގެ ހާލަތާއި ގުޅިގެން އޭނާގެ ސަލާމަތަށްޓަކާއި ކަމަށެވެ. އަދި ހާލަތާއި ގުޅޭ ގޮތުން މީގެކުރިންވެސް މި ގޮތަށް އަމަލުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ރަށުން ބޭލި އަންހެން މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމެއް އެ އިދާރާއަކުން ނުބުނެއެވެ. 10 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ދޮންބައްޕަ ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.