ޚަބަރު

ހައްޖުވެރިންނަށް ޒަމްޒަމް ފެނާއި ހިލަވެސް ދޭނީ ބަންދުކޮށްފައި


މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ ހާޖީންނަށް ޒަމްޒަމް ފެނާއި ހިލަ ދޫކުރާނީ ފުޅިއާއި ކޮތަޅުގައި ބަންދުކޮށްފައެވެ.

މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ޒަމްޒަމް ފެން ލިބޭނެ އިސްކުރު ބަރިތައް މިސްކިތުގައި ގިނަ އަދަދަކަށް ހުރެއެވެ. އަދި ހައްޖާއި އުމްރާއަށް ދާ މީހުންނަށް ފެން ބުއިމަށް މި އިސްކުރި ބަރިތައް ކައިރީ ބަހައްޓާފައި ހުންނަނީ ޕްލާސްޓިކް ތައްޓެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހާޖީން އަމަލުކުރަންޖެހޭ އުސޫލްތައް ކަނޑައަޅާ ސައުދީން މިހާރު ވަނީ އާއްމުކޮށްފައެވެ. މި އުސޫލްގެ ދަށުން މި ފަހަރު ހައްޖުވެރިންނަށް މިސްކިތުގައި ހުންނަ އިސްކުރުބަރިތަކުން ޒަމްޒަމް ފެނެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ހައްޖުވެރިން ދޫކުރާނީ ކުދި ޒަމްޒަމް ފެން ފުޅިއެވެ. އާއްމުކޮށް މި ފުޅިތަކަކީ 330 އެމްއެލްގެ ފުޅިއެވެ.

މީގެއިތުރުން ޖަމްރާއަށް އުކަން ބޭނުންކުރާ ހިލަ ހޯދުމުގައިވެސް އަމަލުކުރާނެ އުސޫލަށްވަނީ ބަދަލު ގެނެސްފައެވެ. ޖަމްރާތަކަށް އުކަން ހިލަ ހައްޖުވެރިން ހޮވަނީ އަރާފާތުން މިނާއަށް ދާ މަގުމަތީ މުޒްދަލިފާގައި ރޭ ކުރާއިރު އެތަނުންނެވެ. އެހެންނަމަވެސް މި ފަހަރު ސައުދީ ކަނޑައަޅާފައިވާ އުސޫލުން ހައްޖާޖީންނަށް ދޭނީ ކުރިން ހޮވާ ސްޓެރަލައިޒްކޮށް ކޮތަޅުގައި ބަންދުކޮށްފައިވާ ހިލައެވެ.

ޖަމްރާއަށް ހިލަ އުކަން ދިޔުމުގައިވެސް ހައްޖުވެރިންނަށްވަނީ ވަކި ވަގުތުތަކެއް ކަނޑައަޅާފައެވެ. އެއްފަހަރާ ހިލަ އުކަން ތިބެވޭނީ 50 މީހުންނަށެވެ. އަދި ހިލައުކާއިރުވެސް ކޮންމެ ދެމީހެއްގެ ދެމުދުގައި 1.5 މީޓަރުގެ ދުރުމިން ބަހައްޓަންޖެހެއެވެ.

ހައްޖަށް ކަނޑައެެޅި އުސޫލްގައިވާ ގޮތުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެއްވެސް ހާޖީއަކަށް ގެފުޅުގައިވެސް އަދި ހަޖަރުލް އަސްވަދުގައިވެސް އަތެއް ނުލެވޭނެއެވެ. އަދި ތަވާފްކުރާއިރުވެސް ދެމީހެއްގެ ދެމުދުގައި 1.5 މީޓަރުގެ ދުރުމިން ބަހައްޓަންޖެހެއެވެ.

މި ފަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅޭ 10،000 މީހުންނަށެވެ. އޭގެތެރެއިން 70 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށެވެ. 30 އިންސައްތަ ހާއްސަކޮށްފައިވަނީ ސައުދީ ރައްޔިތުންނަށެވެ.