ޚަބަރު

ފަރަންސޭސިވިލާތުގެ އައު ސަރުކާރުގެ ވަޒީރުން ޢައްޔަނުކޮށްފި


ފަރަންސޭސިވިލާތުގެ ސަރުކާރު އަލުން އެކުލަވާލައި އައު ވަޒީރުންގެ މަޖިލީހެއް އިޢުލާނުކޮށްފިއެވެ.

އައު ބޮޑުވަޒީރު ޖޮން ކަސްތެކްސްގެ ސަރުކާރަށް ޢައްޔަނުކުރި ވަޒީރުންގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުންވެސް ހިމެނެއެވެ. އިޤްތިޞާދާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ބްރޫނޯ ލެ މެއާޚްއާއި ޚާރިޖީ ވަޒީރު ޖޮން އީފު ލު ދުރިއަންގެ އިތުރުން ތަޢުލީމާބެހޭ ވަޒީރު ޖީން މިޝެލް ބްލޮންކޭއާއި ދިފާޢީ ވަޒީރު ފޮލޮރޮންސް ޕާލީ މަޤާމުގައި ދެމިހުންނަވާނެއެވެ. އޭގެ އިތުރުން ޞިއްޙާތާބެހޭ ވަޒީރު އޮލިވިއަރ ވެރޮންވެސް މަޤާމުގައި ދެމިހުންނަވާނެއެވެ.

ބަޖެޓާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ގެރަލް ޑާނަނިންވަނީ ދާޚިލީ ވަޒީރުގެ މަޤާމަށް އިސްކޮށްފައެވެ. ގެރަލް ޑާނަނިން އެ މަޤާމަށް އިސްކުރީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތަކާމެދު ދާޚިލީ ވަޒީރުގެ މަޤާމުގައި ކުރިން ހުންނެވި ކްރިސްޓޮފް ކެސްޓެނަރ ޢަމަލުކޮށްފައިވާ ގޮތާމެދު ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މަސައްކަތްތެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި މުރިއެލް ޕެނިކައުޑްވެސްވަނީ ވަޒީރުންގެ މަޖިލީހުން ދުރުކޮށްފައެވެ. އޭނާގެ ބަދަލުގައި ތިމަވެއްޓާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އެލިސަބެތު ބޯންވަނީ އެ މަޤާމަށް އައްޔަނުކޮށްފައެވެ. އޭނާގެ މައިގަނޑު މަސައްކަތަކަށްވަނީ ޕެންޝަނާގުޅޭ ކަންކަން އިސްލާޙުކުރުމެވެ. އޭނާގެ ބަދަލުގައި ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމަށް އިސްކުރީ ބާބަރާ ޕޮމްޕިލީއެވެ. ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ އެންމެ ވަރުގަދަ އެއް ވުޒާރާއަށް ތިމާވެއްޓާބެހޭ ވުޒާރާވާނެއެވެ. އެންމެ ފަހުން ބޭއްވި ޢާންމު އިންތިޚާބުގައި ފަރަންސޭސިވިލާތުގެ ގުރީން ޕާޓީއަށް ލިބުނު ތާއީދުގެ މައްޗަށް ރިޢާޔަތްކޮށް ތިމާވެއްޓަށް ޚާއްސަ ސަމާލެކަމެއް ރައީސް އެމަނުއެލް މެޚްރޮން ދެއްވާނެކަމަށް ބެލެވެއެވެ.

އަދުލުއިންސާފާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވި ނިކޯލް ބެލައުބެތުވަނީ މަޤާމަށް އަލްވަދާޢު ކިޔުއްވާފައެވެ. ޤާނޫނީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް އެހީތެރިވެދޭކަމުގެ ތުހުމަތު އަމާޒުވެފައިވާ ބެލައުބެތުގެ ބަދަލުގައި އެ މަޤާމަށް އައްޔަނުކުރީ ޖިނާޢީ ވަކީލެއްކަމަށްވާ އެރިކު ޑުޕޮންޓު މޮރެއްޓީއެވެ. ކުރީގެ ރައީސް ނިކޮލާ ސަޚްކޮޒީއާއި ޖާޚް ޝިރަޚްގެ ދައުރުގައި ވަޒީރުކަން ކުރެއްވި ރޮސެލިން ބެޝްލޮޓަށްވަނީ ތަރިކައާބެހޭ ވަޒީރުގެ މަޤާމަށް އިސްކޮށްފައެވެ.

ފަރަންސޭސިވިލާތުގެ އައު ސަރުކާރުގައި ހިމެނެނީ 16 ވަޒީރުންނާއި 14 ނައިބު ވަޒީރުންނެވެ.