ޚަބަރު

އައު ޤަވައިދުތަކާއެކު ބިދޭސީ ދަރިވަރުނަށް އެމެރިކާގައި ބޮޑެތި އުނދަގޫތަކެއް


އެމެރިކާގެ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކުން ހަމައެކަނި އިންޓަނެޓު މެދުވެރިކޮށް ތަޢުލީމު ޙާޞިލުކުރަމުންދާ ބިދޭސީ ދަރިވަރުން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވައިލަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓު އޮފް ހޯމްލޭންޑު ސެކިއުރިޓީން ނެރުނު އައު ޤަވާއިދުތަކުގެ ސަބަބުން މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކުގައި ތަޖުރިބާ ހޯދުމުގެ ދަތުރުތަކުގެ ދަށުން އެ ޤައުމުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަލަށް ތަޢާރަފުކުރި ޤަވާއިދުގައިވާގޮތުން ކުރިއަށް އޮތް ސެމެސްޓަރުގެ ކިޔެވުން ހަމައެކަނި އިންޓަނެޓު މެދުވެރިކޮށް ކުރިއަށްގެންދާ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކުގައި ބައިވެރިވާ ބިދޭސީ ދަރިވަރުންނަށް ވިސާ ދޫނުކުރަންވަނީ ނިންމާފައެވެ. އަދި އެފަދަ މަރުކަޒުތަކުގައި ތަޢުލީމު ޙާޞިލުކުރާ ބިދޭސީ ދަރިވަރުންނަށް އެމެރިކާއަށް އެތެރެ ނުވެވޭނެކަމަށްވެސް އެ ޤަވާއިދުގައި ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން އިންޓަނެޓު މެދުވެރިކޮށް ކިޔަވައިދޭން ފަށައިފައިވާ ތަޢުލީމީ މަރުކަޒުތަކުގައި ކިޔަވަމުންދާ ބިދޭސީ ދަރިވަރުންނަށް އޮތް ގޮތަކީ އެމެރިކާ ދޫކޮށް ދިއުން ނޫނީ ތަޢުލީމީ މަރުކަޒުތަކަށް ހާޒިރުވެގެން ކިއެވުންކަމަށް އެ ޤަވާއިދުގައި ބުނެއެވެ. އެގޮތަށް ޢަމަލުނުކުރާނަމަ އެ ދަރިވަރުން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރުން އެކަށީގެންވާކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ. ނަމަވެސް އިންޓަނެޓު މެދުވެރިކޮށް އަދި ތަޢުލީމީ މަރުކަޒުތަކަށް ހާޒިރުވެގެން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް އެމެރިކާގައި ތިބުމުގެ ފުރުޞަތު އޮތްކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޫޑެންޓު އެންޑު އެކްސްޗޭންޖު ޕްރޮގްރާމުގެ ދަށުން 1.55 މިލިއަން ބިދޭސީ ދަރިވަރުން 2018ވަނަ އަހަރު އެމެރިކާގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަކަމަށް އެމެރިކާގެ އިމިގްރޭޝަން އެންޑު ކަސްޓަމްސް އެންފޯސްމަންޓުން މި އަހަރު ނެރުނު ރިޕޯޓެއްގައިވަނީ ފާހަގަކޮށްފައެވެ.