ޚަބަރު

ވެށިފަހި ޕްރޮގްރާމުން ލިޔުންތައް ލިބިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ: މިނިސްޓަރ އަސްލަމް


ވެށިފަހި ޕްރޮގްރާމުން ލިޔުންލިބި ބޯހިޔާވަހިކަން ލިބިފައި ނުވާ ފަރާތްތަކުން އެ ލިޔެކިޔުންތައް ހުށައެޅުމުން އޭގެ ސައްހަކަން ކަށަވަރުކުރައްވައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއާއި ގުޅޭ ގޮތުން، އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން ހިންގި ވެށިފަހި ޕްރޮގްރާމުން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތަކަށް، ބޯހިޔާވަހިކަން ލިބިފައި ނުވާކަމުގައެވެ. އެހެންކަމުން އެފަރާތްތަކުގެ އަތުގައި ހުރި ލިޔެކިޔުންތައް ހުށައެޅުމުގެ ފުރުޞަތު ދެއްވާފައިވާ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލޭގެ ކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ގޯތި ދޫކުރާ ގޮތަށް ހަމަޖެއްސުމުން 507 ފަރާތަކުން އެކަމަށް ކުރިމަތިލިކަމަށެވެ. އަދި އޭގެތެރެއިން ގޯތި ލިބި ހަވާލުކުރެވުނީ 245 ފަރާތަކަށް ކަމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ވެށިފަހި ޕްރޮގްރާމުން ފްލެޓް ލިބޭނެކަމަށް ލިޔުން ލިބުނު ފަރާތްތަކުގެ ތެރެެއިން އަރަބިއްޔާއާއި ގާކޮށި ފްލެޓްތަކަށް ވަދެވޭ ވަރުވީ، 101 ފަރާތަކަށް ކަމަށާއި ހުޅުމާލެއިން ފުލެޓް ލިބުނީ 98 ފަރާތަަކަށް ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުތައް ބަދަލުވެ އަހަރުތައް ހިނގަމުން އައި އިރު ވެށިފަހި ޕްރޮގްރާމްގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. އެކަމުގެެ ސަބަބުން އާއްމުންނަށް ދޫކުރެވިފައިވާ، ލިޔުންތަކާއި ގުޅޭ ސަރުކާރުގައި ހުންނަންޖެހޭ ލިޔުންތައް ފެންނަން ނެތްކަން މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ނިންމުމަކީ ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ދައުލަތުން ސައްޙަ ލިޔުމެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް، ދައުލަތުން ދީފައި އޮތް ލިޔުމެއް، ހުށައަޅާއިފި ފަރާތެއް ވެއްޖިއްޔާ އެހުށައަޅާ ލިޔުމެއް ވެރިފައި ކުރުމަށް ފަހުގައި، އޭގައި ބަޔާންކޮށްފައިވާ ގޮތަކަށް، އެބަޔާންކޮށްފައިވާ ކަމެއް، އެގޮތަށް ކުރުމަށް އަޅުގަނޑުމެންގެ ނިންމުމަކީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 160 ވުރެ ގިނަފަރާތްތަކުން ވަނީ ޝަކުވާ އާއި ލިޔުންތައް ހުށައަޅާފައި ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެޝަކުވާތައް ހުށައެޅުމުގެ ފުރުޞަތު ބުދަދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދެއްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ދެމިނިސްޓްރީ އެއްކޮށްލުމުގެ ކުރީގައި އަދި މިއަހަރުގެ ޖެނުއަރީ ހިސާބުގައި، ކުރެވުނު އިއުލާނަކާއި ގުޅިގެން، ހުށައަޅާފައިވާ ޝަކުވާ އާއި އެޝަކުވާ އާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބައެއް ލިޔެކިޔުންތައް ސަރުކާރުގެ ތެރޭގައި ފެންނާން ނެތްކަން އެނގިފައިވާ ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ބޯހިޔާވަހި ކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ހިންގަންފެއްޓެވި ޕްރޮގްރާމެކެވެ،