ޚަބަރު

ހިޔާފުލެޓްތައް ލިބޭ ފަރާތްތައް މިމަހު ފަހުކޮޅު އިއުލާނު ކުރަން ފަށާނެ: މިނިސްޓަރ އަސްލަމް


ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތައް މިމަހުގެ ފަހުކޮޅުން ފެށިގެން އިއުލާނު ކުރަން ފައްޓަވާނެ ކަމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ސަރުކާރުގެ ހައުސިންގ މަޝްރޫއުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ޖުމުލަ 25243 ފޯމް ހުށައަޅާފައިވެއެވެ. ހިޔާމަޝްރޫއުގެ ފޯމްތައް އަލުން ބަލައި ފްލެޓްތައް ލިބިފައިވާ ފަރާތްތައް ކަށަވަރުކުރުމަށް މިސަރުކާރުން އެކުލަވާލި ކޮމިޓީން އެމަސައްކަތްތައް މިހާރު ދަނީ ކުރަމުންނެެވެ. މިގޮތުން އެކޮމިޓީން މިހާތަނަށް 21000 ފޯމު އެކޮމިޓީން އިވެލުއޭޓްކޮށްފައިވާ ކަމަށާއި އަދި 3343 ފޯމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެކޮމިޓީން ހާލަތު ބެލުމަށް 40 އިންސައްތަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމުގައ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ކޮމިޓީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައި ވަނީ، ހިޔާގެ ފްލެޓްތަކަށް ހުށައެޅި ފޯމްތައް ބަލައި އިވެލުއޭޓުކޮށް އަދި ގޭގެއަށް ޒިޔާރަތްކޮށް ހާލަތުބަލައި ކެޓަގަރީތައް ނިމެމުންދާ ވަރަކުން، ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރަމުން ގެންދާނެ ކަމަށެވެ.

މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިޔާ ފްލެޓްތައް ލިބޭ ހުރިހާ ފަރާތްތަކެއް އިއުލާނުކޮށް ނިމޭނެ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ކޮމިޓީން އަޅުގަނޑު ގާތުގައި އެބަ ވިދާޅުވޭ، ޖުލައިމަސް ނިމޭ ހިސާބުން ފެށިގެން މިފްލެޓްތައް ލިބޭ ފަރާތްތައް، ކެޓަގަރީތައް، ވަކިވަކިން މަސައްކަތް ނިމިފައި ހުރި ކެޓަގަރީއެއް ވިއްޔާ، އެހިސާބުން އިއުލާނު ކުރައްވަން ފައްޓަވާނޭ. މުޅި މަސައްކަތް އެކީގައި ހުރިހާ ކެޓަގަރީއެއްގެ މަސައްކަތް ނިންމައި، 6720 ފުލެޓަށް، އެލަޖިބަލްވާ ފަރާތްތަކުގެ ލިސްޓް އެކީގައި އިއުލާނުކޮށް ނިމޭނީ ސެޕްޓެމްބަރު ހާނތާނގައި ކަމަށް. އެހެން ނަމަވެސް ޖުލައިމަސް ނިމޭ ހިސާބުންފެށިގެން އިއުލާނު ކުރައްވަން ފައްޓަވާނެ ކަމަށް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިއުލާނުކޮށް ނިންމުނުކަމުގައި ވީ ނަމަވެސް އެތަނުގައި ދިރިއުޅެން ފެށޭވަރުވާނީ އަދިވެސް އަށެއްކަ މަސްދުވަސް ފަހުން ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ، ހިޔާމަޝްރޫއުގެ 25 ބުރީގެ 16 ޓަވަރުގެ ކަރަންޓާއި ފެނާއި އެހެނިހެން ޔޫޓިލިޓީސް މަސައްކަތްތައް ނިންމުމަށް، 8 މަހެއްހާ ދުވަސް އަދިވެސް ހޭދަވާނެ ކަމަށެވެ. މިގޮތުން ފްލެޓްތަކަށް ފެން ގުޅައިދިނުމަށް 8 މަސް ދުވަސްވާނެ ކަމަށް އެމްޑަބުލިޔުއެސްސީން ބުނާއިރު، ކަރަންޓް ގުޅައިދިނުމަށް 7 މަސްދުވަސް ވާނެ ކަމުގައި ސްޓެލްކޯއިން މައުލޫމާތުދޭ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ހިޔާފްލެޓްތަކުގައި މީހުނަށް ދިރިއުޅެން ފެށޭވަރުވާނެ ކަމަކަށް ނުބެލެވެއެވެ.

"ނުނިމި ހުރި މަސައްކަތުގެ ތެރޭގައި މައިގަނޑު އެންމެ ބޮޑު މަސައްކަަތަކީ، ފްލެޓްތަކުގެ ތަޅުން އެޅުން. ކަރަންޓް މީޓަރު ހަރުކުރުން. ފެންމީޓަރު ހަރުކުރުން. އެއީ ކޮންޓްރެކްޓަރ އާއިއެކީގައި ކުރެވިފައި އޮތް ކޮންޓްރެކްޓްގެ ދަށުން ނިންމަންޖެހޭ މަސައްކަތްތައް. އެޗްޑީސީއަކީ ކޮންޓަރެކްޓަރުގެ ކްލައިންޓަކީ. އެޗްޑީސީއަށް ކޮންޓްރެކްޓަރ ދޭ މުއްދަތަކީ، އަދި 8 މަސް ދުވަސް، މިދެންނެވި މަސައްކަތްތައް ނިންމަން. ހަމަ އެއާއި އެކީގައި އެސަރަހައްދަށް، ހުޅުމާލެ ސެކަންޑް ފޭސްއަށް، ދާއިމީ ކަރަންޓާއި ފެން ފޯރުކޮށް ދިނުމަށް ފެންކުންފުނިންނާއި ސްޓެލްކޯއިން މަސައްކަތް ކުރަން ޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ފްލެޓްތަކުގެ އަގާއި މެދު ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން ފްލެޓްތައް ދޭއިރު، ދައްކަންޖެހޭނެ މަހުކުލި އަދި ކަނޑައަޅާފައި ނުވާކަމަށާއި 7 ހާސް ރުފިޔާއަށްވުރެ މަހުކުލި ބޮޑު ނުވާނެ ކަމަށެވެ. ފްލެޓްތަކަށް މަހުކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭކަމުގައި ހާމަކުރައްވާފައިވާއިރު ރައީސް ސޯލިޙްވެސް ވިދާޅުވެފައި ވަނީ ފްލެޓްތަކުގެ އަގުތައް ރައްޔިތުންނަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.

ހިޔާފްލެޓްތައް ލިބޭނެކަން ރައީސް ޔާމީނުގެ ސަރުކާރުން އިއުލާނުކޮށްފައިވާ ފަރާތްތަކަށް އަވަހަށް ފްލެޓްތައް ދޫކޮށް ދިރިއުޅެން ފެށޭވަރުކޮށް ދެއްވުމަށް އިދިކޮޅު ފަރާތްތަކުންނާއި ގިނަ ރައްޔިތުންތަކެއްވެސް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.