ޚަބަރު

ވެށިފަހީގެ ލިޔުންތައް ހުށައަޅަން އިތުރު މުއްދަތެއް ދީފި


"ވެށިފަހި މާލެ " ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ލިޔުން ލިބިފައިވާ މީހުންނަށް ލިޔެކިޔުންތައް ހުށައަޅަންޖެހޭ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލިއެވެ. އަދި ލިޔެކިޔުންތައް މާރިޗު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް ފުރުސަތު ހުޅުވާލިއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ޚާއްސަ ފިޔަވަޅުތަކުން މާރިޗުމަހުގެ 19 ވަނަދުވަހުން ފެށިގެން ބަންދުކޮށްފައި ހުރުމަށް ސަރަުކާރުގެ އޮފީސްތައް ހުޅުވާފައި ވަނީ އިއްޔެއެވެ. އެހެންކަމުން ސަރުކާރު އޮފީސްތައް އަލުން ހުޅުވާލުމުން ލިޔެކިޔުންތައް ހުށައަޅަންޖެހޭ މުއްދަތު މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވެއެވެ.

އަދި މިދިޔަ މަހު ހައުސިން މިނިސްޓްރީ އުވާލުމުން މިހާރު ލިޔެކިޔުންތައް ހުށައަޅަން ޖެހޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ވެށިފަހިގެ ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން މާލެއިން ބިން ދޫއްކޮށްލާ ފަރާތްތަކަށް އެ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިން ދޫކުރުމަށްވަނީ ނިންމާފައެވެ. ބިން ދޫކޮށްލި މީހުންގެ ތެރއިން ބައެއް މީހުންނަށްވަނީ ފްލެޓާއި ބިން ލިބިފައެވެ.