ޚަބަރު

ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު


ރާއްޖެއިން އިތުރު 33 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ފުރަބަންދަށްފަހު އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު ދަށްވެފައި އޮތުމަށްފަހު މިއަދާއެކު ވޭތުވެދިޔަ 3 ދުވަހު މި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ކޯވިޑް-19އަށް 25 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއަދު މިވަނީ 33 މީހަކު ޕޮޒިޓިވްވެފައެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 8 މީހުންގެ އިތުރުވުމެކެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ މީހެކެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 2468އަށް އިތުރުވެފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2049އަށް އިތުރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 404 މީހުންނެވެ.

ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައިމިހާތަނަށް ޓެސްޓްކުރުމަށް 56138 ސާމްޕަލެއް ނަގާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން ހިމެނޭހެން އައިސޮލޭޝަންގައި 281 މީހުން ތިބިއިރު މިހާރު ކަރަންޓީން ފެސިލިޓީތަކުގައި 108 މީހަކު އެބަތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެ ބަލީގައި މިހާތަނަށް މަރުވެފައިވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 5 ބިދޭސީން ނެވެ.