އެތުލެޓިކްސް

ޖެމެއިކާއަށް ފޮނުވީ ހިތާ ދެކޮޅަށް! މިހާރު ތިބީ އުފަލުން!


ރާއްޖޭގެ އެތްލީޓުން ތަމްރީން ހޯދުމަށް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރަށް ފޮނުވުންވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށްވެސް ކުރިމަތިވި އެންމެ އުނދަގޫ އެންމެބޮޑު އެއް ޗެލެންޖަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެތްލީޓުންނާއި ކުޅުންތެރިންގެ މައިނަބްފައިންގެ ދެކޮޅު ހެދުމެވެ. ނުވަތަ ނުޤަބޫލުވުމެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑަލް ހޯދި ހަސަން ސާއިދު ތިން އަހަރު ޖެމެއިކާގައި ހޭދަކުރުމުން ސާއިދުއަށް އެކަން ކުރިމަތި ނުވަނީތޯ ސުވާލު އުފެދިދާނެއެވެ." އަޅުގަނޑުމެންވެސް ފުރަތަމަ ކުޑަކޮށް ޖެހިލުންވި. ސާއިދުއަކީ އަޅުގަނޑުމެންގެ އެންމެ ހަގު ދަރިއަށްވެފައި ކައިރީގައި ހުރެފައި އެހާ ދިގުމުއްދަތަކަށް ދާންވީމަ އުނދަގޫވި. އެހެން ނަމަވެސް އޭނާ އެރޮނގުގައި ކުރިއަށް ދިއުމަށް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން އެއްބަސްވީ، އޮލިމްޕިކް ކޮމިޓީންވެސް އަޅުގަނޑުމެން ކައިރީގައި އެދުނު އެދުމާއެކީގައި." ސާއިދުގެ ބައްޕަގެ ޖަވާބަކީ މިއީއެވެ.މިއުނދަގޫ އެންމެ ބޮޑަށް އިޙްޞާޞްކުރަން ޖެހޭނެ ފަރާތަކީ މަންމަކަން ކަށަވަރެވެ. ސާއިދުގެ މަންމައަށްވެސް މިކަން ވެގެންދިޔައީ އެއްބަސްވާން އުނދަގޫވި ނިންމުމަކަށެވެ." ވަރަށް އުނދަގޫވި ފޮނުވަންވެސް. އަޅުގަނޑު އުޅުނިން ނުފޮނުވަން. އެކަމަކު އޭނާ އެހާ ދާހިތުން އުޅޭތީވެސް އަޅުގަނޑުމެން ފޮނުވީ." ސާއިދުގެ މަންމަގެ ނިންމުން އައިގޮތަކީ މިއީއެވެ.އުނދަގޫތަކާއެކުވެސް ޒުވާން އެތްލީޓް ޤައުމާއި މާދުރަށް ޖެމެއިކާއަށް ފޮނުވުމުން މިއަދު ސާއިދުގެ މަންމަ އަދި ބައްޕައަށް ލިބެނީ ހިތްހަމަ ޖެހުމެވެ. ސަރުކާރާއި މުޅި ޤައުމުގެ ރައްޔިތުން ސާއިދުގެ ކާމިޔާބީ ފާހަގަކުރާތަން ފެނުމުން ލިބޭ ހިތްހަމަ ޖެހުން ނުހަނު ބޮޑެވެ." އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް މިފަދަ ބޮޑު ކާމިޔާބީއެއް މިންވަރުކުރެއްވީތީ ﷲ ސުބުހާނަހޫ ވަޠައާލާއަށް ހަމްދާއި ޝުކުރުކުރަން. އެންމެ ފުރަތަމަ އޮލިމްޕިކް ކޮމިޓީން ސާއިދުއަށް މިފުރުޞަތު ހޯދައިދެއްވީ. މީގެކުރީގައި ސްކޫލްގައި އޮންނާނެ، އަޅުގަނޑު ހަނދާންވަނީ ސްކޫލްގައި ބޭއްވި ކޮންމެސް މުބާރާތެއްގައި އެއަޕޯރޓުން ވީއަޕީ ލޯންޗުން އަޅުގަނޑާއި ދިމާވެގެން ހާނިމް ވިދާޅުވީ ސާއިދު މިރޮނގުގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރާކަމަށް. އޮލިމްޕިކް ކޮމިޓީއަށާއި ސަރުކާރަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް ސަރުކާރުން ޒުވާނުންނަށް، ކުޅިވަރުގެ ކަންތައްތަކަށް އެދެއްވާ އަހަމިއްޔަތު އަޅުގަނޑު ހަމަ ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ދެން އެލިބުނު ކާމިޔާބީގެ އަގު ސަރުކާރުން ވަރަށް ބޮޑަށް ވަޒަންކޮށްފި." ސާއިދުގެ ބައްޕަ ބުންޏެވެ.ރަންމެޑެއްޔާއެކު ރާއްޖެ އައިއިރު ސާއިދުއާއި ދިވެހި ކޮންޓިންޖެންޓަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ތިބުމުން ސާއިދުގެ މަންމައަށް ބަޔާންކުރަން ދަތި އިތުރު އުފަލެއް ލިބުނެވެ. އެމަންޒަރު ބެލުމަށާއި އުފަން ދަރިފުޅަށް މަރުހަބާ ކިޔުމަށް ސާއިދުގެ މަންމައާއި ބައްސަޕަވެސް ތިބީ އެއަޕޯރޓްގައެވެ." ވަރަށް އުފާވި ދެން، އަޅުގަނޑުމެންވެސް ދިޔައިން ހަމަ ހުޅުލެއަށްވެސް. ދިޔައީމަ އެންމެންވެސް ވަރަށް ރަނގަޅު އަޅުގަނޑުމެންނަށް. ދެން ހަމަ ވަރަށް ވަރަށް އުފާވި." ސާއިދުގެ މަންމަ ބުންޏެވެ. ޒުވާން އެތްލީޓް ގޭމްސްއަށް ފުރި ދުވަހުން ފެށިގެން އެފަދަ ކާމިޔާބީއަކަށް އެދި ސާއިދުގެ މުޅި އާއިލާވެސް ދިޔައީ ގޭމްސްގެ ޚަބަރުތައް ވަގުތުން ވަގުތަށް ހޯދަމުންނެވެ. ޚާއްޞަކޮށް ސާއިދގެ އިވެންޓްތަކަށް ދިޔައީ ފާރަވެރިވަމުންނެވެ. ސާއިދުގެ އިވެންޓްތައް ކުރިއަށް ދިޔައިރުވެސް އަދި ރަން މެޑަލް ހޯދިއިރުވެސް ސާއިދުގެ މަންމައާއި ބައްޕަވެސް ތިބީ މާލޭގައެވެ. ރަށުގައި ދިރިއުޅޭ ސާއިދުގެ މަންމައާއި ބައްޕަވެސް މާލެ އައީ ގޭމްސްއަށް ސާއިދު ފުރާއިރު ސަލާމްކޮށް ހިތްވަރުދިނުމަށެވެ. " ވަރަށް އަވަހަށް އެނގިއްޖެ އަޅުގަނޑުމެންނަށް. އެއީ އަޅުގަނޑުމެން ދިޔައީ އަބަދުވެސް އިންޓަރނެޓް މެދުވެރިކޮށް ބަލަމުން. އަޅުގަނޑުމެންގެ އާއިލާގެ ހުރިހާ ކުދިންވެސް ދިޔައީ ވަގުތުން ވަގުތަށް ބަލައި އޭނާގެ ( ސާއިދުގެ ) ކާމިޔާބީ ފާހަގަކުރަމުން. ފުރަތަމަ ހަމަ ދުވެ ނިމުމާއެކީ އަޅުގަނޑުމެންނަށް އެނގިއްޖެ އޭނާއަށް ގޯލްޑް މެޑަލް ލިބުނުކަން." ސާއިދުގެ މެޑަލް ލިބުނު ވަގުތުގެ ކަންތައްތައް ޙިއްޞާކުރަމުން ސާއިދުގެ ބައްޕަ ބުންޏެވެ." ދެން ވަރަށް އުފާވި އަޅުގަނޑުވެސް. އޭނަ ދެން އެހޯދި ކާމިޔާބީއަށް ވަރަށް އުފާވި. ހަމަ ވަރަށްވެސް އުފާވި."  އުފަން ދަރިފުޅަށް ރަން މެޑަލް ލިބުނު ވަގުތުގެ ޝުޢޫރުތައް ޙިއްޞާކުރަމުން ސާއިދުގެ މަންމަ ބުންޏެވެ.ސާއިދުގެ މިކާމިޔާބީ ފާހަގަކުރަނީ ހަމައެކަނި އާއިލާއެއް ނޫނެވެ. އެކަމުގެ އުފާވެރިކަން އޮތީވެސް ހަމައެކަނި އާއިލާގެ ތެރޭގައެއް ނޫނެވެ. އުފަން ރަށް ގާފަރުގެ ރައްޔިތުންނަށްވެސް މިއީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެރަށުގެ ރައްޔިތުން ޒުވާން އެތްލީޓް ސިފަކުރަނީ " ގާފަރުން އުފަން ޤައުމީ ބަޠަލެއްގެ" ގޮތުގައެވެ. އެމީހުން ބުނަނީ ގާފަރުގެ ޒުވާން އެތްލީޓް ހޯދި ފަޚްރުވެރި ކާމިޔާބީއަށްޓަކައި ގާފަރުގެ ރައްޔިތުން ފަޚްރުވެރިވާކަމަށެވެ. އޭގެ ހެއްކަކީ ރަން މެޑެއްޔާއެކު އުފަން ރަށަށް ދިއުމުން އެރަށުގެ ރައްޔިތުން ސާއިދުއަށްކީ ރަތް ދޫލައިގެ މަރުހަބާއެވެ.ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ބަނދަރަށް ނިކުމެ ސާއިދުއަށް މަރުހަބާ ކިޔައި އުފަލުގައި ބައިވެރިވިއެވެ. ސާއިދުއާއެކު ތާރީޚީ ފޮޓޯތައް ނަގާ ރައްކާކުރިއެވެ. "ވަރަށް އުފާވެފަ މިހުންނަނީ މިކަހަލަ ޝަރަފެއް ލިބުނީތީވެ. މިއީ ސާއިދު ހޯދައިދިން ވަރަށްބޮޑު ޝަރަފެއް މިރަށަށް." ސާއިދުއަށް މަރުހަބާ ކިއުމަށް ގާފަރު ބަނދަރު ޞަރަހައްދުގައި ބެރުޖަހަން ހުރި ޒުވާނަކުން ބުންޏެވެ."ވަރަށް އުފާވެފަ. ވަރަށް އުފަލުން މިތިބީ މިކަހަލަ ދުވަހެއް އައީމަ." ސާއިދުއަށް މަރުހަބާ ކިޔުމަށް ބަނދަރަށް ނިކުމެއިން އުމުރުން އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.މިމަންޒަރުތައް ފެނި އަޑުތައް އުވުމުން ޒުވާން އެތްލީޓަށްވެސް ލިބުނީ ބޮޑު އުފަލެކެވެ. އެމަންޒަރުތައް ދެކި ޒުވާން އެތްލީޓް ބުނީ އޭނާގެ ކާމިޔާބީގައި އަބަދުވެސް ރަށުގެ ރައްޔިތުންގެ ޙިއްޞާ އޮންނަކަމަށާއި، ރަށުން ކީ ހޫނު މަރުހަބާއަށްޓަކައި ޝުކުރިވެރިވާކަމަށެވެ." ކޮންމެ ކަމެއް ޖެހުނުކަމުގައިވިޔަސް އެންމެ ފުރަތަމަ އެހީވާން ތިބޭ ބަޔަކީ ހަމަ ރަށު ރައްޔިތުން. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަދު ވަރަށް އުފާވެއްޖެ، ރަށު ރައްޔިތުން މިކީ ހޫނު މަރުހަބާއަށް. އަދިވެސް އެއްފަހަރު ރަށު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." އުފަން ރަށުގެ ރައްޔިތުންނާއެކު ހުރެ ސާއިދު ބުންޏެވެ.މި ފަޚްރުވެރި ކާމިޔާބީއާއެކު ސާއިދުގެ އާއިލާވެސް މިއަދު އޭނާ އަލުން ޖެމެއިކާއަށް ފޮނުވާކަށް ޖެހިލުމެއް ނެތެވެ. އެމީހުން ތިބީ އެއަށްވުރެ މާދުރަށް ފޮނުވަން ޖެހުނަސް އެކަމަށް ތައްޔާރަށެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވީ ކުރިން ބޭރަށް ނުދާން އުޅުނު އެތްލީޓުންނާއި، ނުފޮނުވަން އުޅުނު ބެލެނިވެރިންވެސް މިހާރު ތަމްރީން ހޯދަން ބޭރަށްދާން އެދޭކަމަށެވެ.