ކޯވިޑް-19 ބަލީގައި ރޭ ނިޔާވެފައި ވަނީ ރާއްޖެއިން މިބަލީގައި އެންމެ ފަހުން މަރުވި ދިވެހިމީހާގެ އަނބިމީހާ ކަމުގައި އެޗްއޯއީސީން ވިދާޅުވެއްޖެއެވެ.
ރޭ ކޯވިޑް-19 ބަލީގައި ނިޔާވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަލިވެ 1:55 ހާއިރުގައި ކަމުގައި އެޗްއޯއީސީން ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ބަލީގައި މަރުވި 11 ވަނަ މީހާއެވެ.
އަންހެން މީހާ ހޮނިހރު ދުވަހުގެ ރޭ ނިޔާވި އިރު، ކޯވިޑް ބަލީގައި އެއަންހެން މީހާގެ ފިރިމީހާ ނިޔާވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:54 ހާއިރުގައި ކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ. އެއީ އުމުރުން 92 އަހަރުގެ މީހެކެވެ. މިމީހާއަކީ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި، 10 ވަނަމީހާއެވެ.
އަދި ހުކުރު ދުވަހު ކޯވިޑަށް ޕޮޒިޓިވްވި މީހަކު ނިޔާވި ނަމަވެސް، އޭނާ ނިޔާވީ ކެންސަރު ބަލީގައި ކަމަށްވާތީ، ކުރިން އެމީހާގެ މަރަކީ ކޯވިޑް-19 ގެ 11 ވަނަ މަރުކަމުގައި ނިންމެވުމަށްފަހު، އެޗްޕީއޭގެ ނިންމުން ވަނީ ބަދަލު ކުރައްވާފައެވެ. އެހެންކަމުން ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި، މިދެމަފިރިންގެ މަރު ރެކޯޑުކުރެވިފައި ވަނީ ކޯވިޑް-19 ބަލީގައި ޖެހިޖެހިގެން އައި ދެމަރުގެ ގޮތުގައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ބަލީގައި މަރުވި 6 ދިވެހިންގެ ތެރޭގައި ދެ ދެމަފިރިން މިހާރު ވަނީ ނިޔާވެފައެވެ. އެންމެ ފުރަތަމަ މިބަލީގައި ނިޔާވީ، ދެމަފިރިންނަކީ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ، ހުސައިން ޢަބުދުﷲ އާއި އޭނާގެ އަނބިކަނބަލުންނެވެ.
ކޯވިޑް-19 ބަލީގައި ރާއްޖެއިން މިހާތަނަށް، 11 މީހުން ނިޔާވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 5 ބިދޭސީންނެވެ.