ޚަބަރު

ޕާކިސްތާނުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފަ: އިންޑިޔާ


2003ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޕާކިސްތާނުން ޚިލާފުވެފައިވާކަމަށް އިންޑިޔާއިން ތުހުމަތުކޮށްފިއެވެ. މިއަހަރުގެ ތެރޭގައި 2،400އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ އިންޑިޔާއިންވަނީ އެ ކަންބޮޑުވުންތައް ޕާކިސްތާނަށް ރަސްމީކޮށް ހުށަހަލާފައެވެ.

އިންޑިޔާއާއި ޕާކިސްތާނު ގުޅޭ ސަރަޙައްދީ ރޮނގު ހިމެނޭ ސަރަޙައްދުތަކަށް ޕާކިސްތާނުން މިއަހަރުގެ މިހާތަނަށް 2،432 ޙަމަލާ ދީފައިވާކަމަށް އިންޑިޔާއިން ތުހުމަތުކުރެއެވެ. އެގޮތުން ޕާކިސްތާނުން އިސްވެ ދީފައިވާ ޙަމަލާތަކުގައި އިންޑިޔާ ސިފައިންގެ 14 މީހުން މަރުވެ، ސިފައިންގެ 88 މީހުން ޒަހަމްވެފައިވާކަމަށް އިންޑިޔާއިން ބުނެއެވެ. އަދި ސަރަޙައްދީ ރޮނގު ހުރަސްކޮށް އިންޑިޔާއަށް އެތެރެވުމަށް ނިރުބަވެރިންނަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވާގިވެރިވެފައިވާކަމަށްވެސް އިންޑިޔާއިން ތުހުމަތު ކުރެއެވެ. އިންޑިޔާގެ ކަންބޮޑުވުންތައް ޙިއްޞާކުރިނަމަވެސް ޕާކިސްތާނުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އިންޑިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ ވެރިރަށް ނިއު ދިއްލީގައި ޙަރަކާތްތެރިވާ ޕާކިސްތާނުގެ ޚާރިޖީ މުވައްޒަފުންގެ ޢަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރަން އަންގާފައެވެ. ޚާރިޖިއްޔާގެ މުވައްޒަފުން އިންޑިޔާއާ ދެކޮޅަށް ރޭވުންތައް ރާވަމުންދާކަމަށާއި ނިރުބަވެރިކަމަށް ވާގިވެރިވަމުންދާކަމުގެ ތުހުމަތު އިންޑީޔާއިންވަނީ ކޮށްފައެވެ. ޕާކިސްތާނުގައި ހުންނަ ހައި ކޮމިޝަނުގައި މަސައްކަތްކުރާ އިންޑިޔާގެ މުވައްޒަފުންގެ ޢަދަދުވެސް އެ ޤައުމުންވަނީ މަދުކޮށްފައެވެ.

ޖޫން މަހުގެ 29ވަނަ ދުވަހު ޕާކިސްތާނުގެ ޙިއްޞާގެ ބާޒާރު ހިންގާ އިމާރާތަށް ދިން ޙަމަލާގެ ފަހަތުގައިވަނީ އިންޑިޔާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާންވަނީ ތުހުމަތުކުރައްވާފައެވެ. އެއާއެކު ދެ ޤައުމުގެ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ. އެ ޙާމަލާގައި 4 ފުލުހުންނާއި ޙަމަލާދިން 4 މީހުންވަނީ މަރުވެފައެވެ. ޢިމާރާން ޚާނުގެ ތުހުމަތުތައް އިންޑިޔާއިންވަނީ ދޮގުކޮށްފައެވެ. އަދި ޕާކިސްތާނުގެ ދާޚިލީ މައްސަލަތައް އިންޑިޔާގެ ބޮލުގައި ނޭޅުވޭނެކަމަށް އިންޑިޔާއިންވަނީ ބުނެފައެވެ.