ޚަބަރު

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ޖޮން ކަސްތެކްސް


ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ޕުރާދަސްގެ މޭޔަރު ޖޮން ކަސްތެކްސް ޢައްޔަނުކޮށްފިއެވެ.

ހިނގަމުންދާ ރިޔާސީ ދަޢުރުގެ ފަހު ދެ އަހަރުގެ ތެރޭގައި ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް އެމަނުއެލް މެޚްރޮންވަނީ ވިދާޅުވެފައެވެ. ފަރަންސޭސިވިލާތުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް މެޚްރޮންގެ ޕާޓީވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައެވެ. 2022ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް މެޚްރޮން އުންމީދުކުރެއްވީ އޭނާގެ ލަ ރެޕަބްލިކޭ އެން މާޝޭ، އެލްއާރުއީއެމަށް އޮތް ތާޢީދު ފުޅާކުރެއްވުމަށެވެ. ނަމަވެސް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ ވައަތު ފިޔައިގެ ގުރީން ޕާޓީންނެވެ. ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އެޑުއާޚު ޕިލީޕް އިންތިޚާބުގައި ލެ އާވްޚަގެ މޭޔަރުގެ މަޤާމަށް ހޮވިވަޑައިގެންފައިވަނިކޮށް ބޮޑުވަޒީރުކަމުގެ މަޤާމުން އޭނާވަނީ އިސްތިޢުފާ ދެއްވާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރަންސޭސިވިލާތުގައި އަޅައިފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުގައި އެންމެ އިސް ދައުރެއް ޢަދާކުރެއްވި އެއް ބޭފުޅަކީ 55 އަހަރުގެ ކަސްތެކްސެވެ. އަލަށް ޢައްޔަނުކުރި ބޮޑުވަޒީރަކީ ރައީސް މެޚްރޮނާއި ކުރީގެ ބޮޑުވަޒީރު ފިލީޕްއާއެކު ތަޢުލީމު ޙާޞިލުކުރައްވި ބޭފުޅެކެވެ. އޭނާވަނީ ސަރުކާރުގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. ކުރީގެ ރައީސް ނިކޮލާ ސަޚްކޮޒީގެ އިސް މުޝީރުގެ މަޤާމުގައިވެސް އޭނާ ހުންނެވިއެވެ.

ފަރަންސޭސިވިލާތުގެ އައު ބޮޑުވަޒީރަކީ ޢާންމުންގެ ތެރޭގައި އެހާ މަޝްހޫރު ބޭފުޅަކަށް ނުވިނަމަވެސް ބޮޑުވަޒީރުގެ ގޮތުގައި އޭނާ ޢައްޔަނުކުރެއްވުމުން ފަރަންސޭސިވިލާތުގެ އެކި ޕްރޮވިންސުތަކުގައި ރައީސް މެޚްރޮންގެ މަޤުބޫލުކަން އިތުރުވާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ކޯވިޑް-19ގެ ސަބަބުން ޤައުމުގެ އިޤްތީޞާދީ ޙާލަތު ވަރަށް ބޮޑަށް ހީނަރުވެ ސަރުކާރުގެ މަޤުބޫލުކަން ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުގެ ގޮތުގައި ކަސްތެކްސް ޢައްޔަނުކުރެއްވުމުން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ރައީސް މެޚްރޮން ޚާއްޞަ ސަމާލުކަމެއް ދެއްވަން ވިސްނަވާކަން ހާމަވެގެންދެއެވެ.