ޚަބަރު

މެލޭޝިއާއިން ރާއްޖެއަށް 100 ސްކޮލަރޝިޕް ދޭން ނިންމައިފި


ދިވެހިންނަށް މެލޭޝިއާގައި މަތީ ތައުލީމު ހާސިލްކުރުމަށް 100 ސްކޮލަޝިޕް ދިނުމަށް "ކިއު ސްޓަޑީ މެލޭޝިއާ"އިން ނިންމައިފިއެވެ.

މި ސްކޮލަޝިޕްތައް ރާޢްޖެއަށް ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ހަޔރަ އެޑިއުކޭޝަން މިނިސްޓްރީއާއި "ކިއު ސްޓަޑީ މެލޭޝިއާ" ދެމެދު ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.

އެގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ސްކޮލަޝިޕްތަކުގެ ތެރޭގައި ދަރިވަރުންގެ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ 10 ސްކޮލަޝިޕްވެސް ހިމެނޭކަމަށެވެ. އަދި އަނެއް 90 ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ޓިއުޝަން ފީ 50 އިންސައްތައާ ހަމައަށް މައާފްކުރަން ނިންމާފައިވާކަމަށްވެސް ކިއު ސްޓަޑީއާ ހަވާލާދާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވއެވެ.

މީގެ އިތުރުން މެލޭޝިއާއަށް މި ސްކޮލަޝިޕްގައި ކިޔަވަންދާ ދަރިވަރުންނަށް މެލޭޝިއާގެ ޔުނިވަރސިޓީތަކަށް ދިޔުމާއި އެ ޔުނިވާސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޮލަރޝިޕްތަކުގެ އިތުރަށް މި ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި މެލޭޝިއާއިން ލިބެން ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކޮށްފައެވެ. އަދި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް އަމާޒުކޮށްގެން ޚާއްސަ ޓްރެއިނިންތަކަކާއި ފޯރަމެއް ބޭއްވުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

"ކިއު ސްޓަޑީ މެލޭޝިއާ" އަކީ އެކި ޤައުމުތަކުގެ ދަރިވަރުންނަށް މެލޭޝިއާއިން ލިބެން ހުރި މަތީ ތައުލީމު ފޯރުކޮށްދޭ އޭޖެންސީއެކެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން އާއި ކިއު ސްޓަޑީ މެލޭޝިއާގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.