ޚަބަރު

ޗައިނާގެ އިސްވެރިންނާއެކު މުޢާމަލާތުކުރާ ބޭންކުތަކާ ދެކޮޅަށް ފިޔަވަޅު އަޅަނީ


ހޮންގުކޮންގުގައި ޗައިނާއިން ޤައުމީ ސަލާމަތާބެހޭ ޤާނޫނު ތަންފޫޒުކުރުމުން އެ ނިންމުން ތަންފީޒުކުރުމުގައި ބައިވެރިވި ޗައިނާގެ އިސްވެރިންނާއެކު ވިޔަފާރީގެ މުޢާމަލާތްކުރާ ބޭންކުތަކަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ނިންމައިފިއެވެ.

ޤާނޫނުހަދާ މަޖިލީހުގެ ފުރިހަމަ އަޤުލަބިއްޔަތުން އެ ނިންމުން ނިންމާފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިންވެސް އެފަދަ ނިންމުމެއް ނިންމާފައިވަނިކޮށެވެ. ނަމަވެސް އެމެރިކާގެ ޤާނޫނު ބުނާ ގޮތުގައި ރައީސް ޑޮނަލްޑު ޓުރަންޕަށް ޤާނޫނެއް ތަންފީޒުކުރަން ބިލެއް ފޮނުވުމުގެ ކުރިން އެ ޤާނޫނަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ރުހުން ހޯދަންޖެހެއެވެ.

ހޮންގުކޮންގުގައި ސަލާމަތާބެހޭ ޤާނޫނު ޗައިނާއިން ތަންފީޒުކޮށްފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވާލައި މުޒާހަރާކޮށް ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ. އަލަށް ތަންފީޒުކުރި ޤާނޫނުގެ ސަބަބުން ހޮންގްކޮންގުގެ މިނިވަންކަމަށް ހުރަސްއެޅި ޗައިނާގެ ބައެއްގެ ގޮތުގައި ހޮންގްކޮންގު އޮތްނަމަވެސް ވަކި ސަރުކާރަކުން އެ ޤައުމު ހިންގުމަށް ހުރަސްއެޅޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ ޗައިނާއިން ތަންފީޒުކުރި ޤާނޫނަކީ ހޮންގުކޮންގުގެ ރައްޔިތުންގެ ޢަމަލުތައް ވަކިގޮތަކަށް ބައްޓަންކުރުމަށް އަޅާފައިވާ ވަރަށް ހަރުކަށި ފިޔަވަޅެއްކަމަށެވެ. އޭގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ހޮންގުކޮންގުގައި ޗައިނާއިން ތަންފީޒުކުރި ޤާނޫނަކީ ހުރިހާ ޤައުމަކުންވެސް ނުރުހޭ ނިންމުމެއްކަމަށާއި ރައީސް ޓުރަންޕު ނިންމަވާފައިވާ ގޮތަށް އެމެރިކާއިން ހޮންގުކޮންގަށް ދީފައިވާ ޙާއްޞަ އިޤްތިޞާދީ އިނާޔަތްތައް ކަނޑާލުމުގެ މަސައްކަތް އެމެރިކާއިން ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން، ހޮންގުކޮންގުން އަސްކަރީ މުދާ ބޭރުކުރުން މަނާކުރުމާއި ޓެކުނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އުފެއްދުންތައް ބޭނުންކުރުމުގައި އެ ޤައުމަށް ދަތިކުރަންވަނީ ފަށައިފައެވެ.