ޚަބަރު

ހަކިލޯގެ މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން ހައްޔަރުކުރި ދެމީހުންގެ މައުލޫމާތު ހާމަކޮށްފި


ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން ހާމަކުރައްވައިފިއެވެ.

ފުުލުހުންގެ އިދާރާއިން ވިދާޅުވީ, ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިނިމުނު ޖޫން 14 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، އަސްރަފީގެ، މުޙައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޞަލް ރަޝީދު (33އ) ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ. އޭގެ އިތުރުން، ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައިވާކަމުގައި ފުލުހުން ވިދާޅުވެއެވެ.

ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފައި ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު މިހާރު ދެވަނަ ފަހަރަށް އިތުރުކޮށްފައި ވާކަމަށެވެ.

އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ 2020 ޖުލައި 15 ވަނަ ދުވަހުގައި ކަމަށް ވެސް ފުލުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.