މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުުކުރު ނަމާދުޖެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމަވައިއެކަމާއި ގުޅޭ ސާކިއުލާއެއްވެސް ނެރުއްވާފައެވެ.
ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބު، ޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވީ، މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައި ވަނީ، އެޗްޕީއޭ އާއި އިލުމުގެ މަޖިލީހާއި އެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ޝައިޚް ނަސްރުﷲ އަލީ ވިދާޅުވީ، ކޯވިޑްގެ ހާލަތާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިން އެފެއާޒުން ނިންމަވާފައިވާ ހުރިހާ ނިންމުމަކީވެސް، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް، ޓެގްގެ ޑޮކްޓަރުންނާއި، އިލުމުވެރީންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުގައި ނިންމަވާފައިވާ ނިންމުތަކެއް ކަމަށެވެ.
މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައި ވަނީ، މާލެ ހުޅުމާލެ އަދި ވިލި މާލޭގެ މިސްކިތްތަކުގައެވެ.
"ކޮމިޓީގައި މަޝްވަރާކުރެވި ނިންމާފައި މިއޮތީ، މާދަމާގެ ހުކުރު ނަމާދު ނުކުރާ ގޮތަށް. ޖަމާއަތުގައި ހުކުރު ނަމާދެއް ނުކުރާނެ އެހެން ނަމަވެސް، މެންދުރު ނަމާދުގެ ޖަމާއަތް ކުރިއަށް ދާނެ." ޝައިޚް ނަސްރުﷲ އަލީ ވިދާޅުވިއެވެ.
ޝައިޚް ނަސްރުﷲ ވިދާޅުވީ، މާދަމާގެ ހުކުރުގެ ޖަމާއަތް ނުބޭއްވުމަށް ނިންމީ ހުކުރުނަމާދުގެ ޖަމާއަތަކީ އެތައްހާސް ބަޔަކު ބައިވެރިވާ ޖަމާއަތުގެ ނަމާދެއް ކަމަށް ވުމާއި، ހުކުރު ނަމާދުގެ ޖަމާއަތުގައި ގިނަ ވަގުތުތަކެއް ހޭދަވެގެން ދާނެތީ ކަމަށެވެ.
އެމިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، ފުރަބަންދަށް ލުއިތައްދީ އިއްޔެގެ މަޣުރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރަން ފެށި ނަމަވެސް ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މާދަމާ ހުކުރުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ހުކުރު ނަމާދުގެ ޖަމާއަތް ބޭއްވޭނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.
މާދަމާގެ ހުކުރު ޚުޠުބާގެ މައުލޫއަކީ، "އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ރައްކާތެރިކަން" މިމައުޟޫއެވެ.
މާލެ ސަރަހައްދުގައި އިއްޔެގެ މަޣުރިބު ނަމާދުން ފެށިގެން ޖަމާޢާތުގައި ނަމާދުކުރަން ފަށާއިރު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ. އަދި ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރުމަށްވެސް އަންގަވާފައިވެއެވެ. މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ.
އިއްޔެގެ މަޣުރިބު ނަމާދުންފެށިގެން ޖަމާއަތުގެ ނަމާދުކުރަން ފަށާފައިވާއިރު، އިމާމުންނާއި، ސިޓީކައުންސިލުން އަދި މިސްކިތްތަކަށް ނަމާދަށްދާން ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަތައްތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ. އަދި 15 އޭޕްރީލްގައި މާލެއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއި އެކު މިސްކިތްތައް ބަންދު ކުރުމަށްފަހު، ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭން މިސްކިތްތަކުގައި ޖަމާއަތާއި ނުލައި ނަމާދު ކުރުމަށް ހުޅުވާލީ ޖޫން 15 ގައެވެ. އަދި ފުރަބަންދަށްދިން ލުއިތަކުގެ 3 ވަނަ މަރުހަލާގެ ތެރެއިން މިސްކިތްތަކުގައި އަލުން ޖަމާއަތުގެ ނަމާދު ކުރަން ފަށާފައި ވަނީ އިއްޔެގެ މަޣުރިބު ނަމާދުުގެ ވަގުތުން ފެށިގެންނެވެ.