ޚަބަރު

ބޭރު ޤައުމުތަކުގެ މީހުންނަށް ބުރެޒިލަށް އެތެރެނުވެވޭނެކަން އިޢުލާނުކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ބުރެޒިލަށް އެތެރެނުވެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ނެރުނު ޤަރާރެއްގައި ބުނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ބުރެޒިލަށް އެތެރެނުވެވޭނެކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ބުރެޒިލްގެ ދާޢިމީ ރަށްވެހިކަން އޮންނަ ބިދޭސީންނާއި އެ ޤައުމުގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި އެ ޤައުމުގެ ރަށްވެހިކަން އޮންނަ ކުދިންގެ މައިންބަފައިން ނުހިމެނޭނެއެވެ. އެހެން ޤައުމުތަކަށް ދަތުރުކުރުމުގެ މަގުމަތީގައި ބުރެޒިލުގައި މަޑުކުރާ ދަތުރުވެރިންވެސް އޭގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް އެގޮތަށް ބުރެޒިލުގައި މަޑުކުރާ ދަތުރުވެރިން ވައިގެ ބަނދަރުތަކުން ނުކުތުން މަނާވާނެއެވެ. އޭގެ އިތުރުން އެއްގަމު ސަރަޙައްދީ ރޮނގުތަކުން ދަތުރުކުރާ ވެނެޒުއެލާގެ ރައްޔިތުންނާއި އެއްތަނުން އަނެއްތަނަށް މުދާ ގެންދިއުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންވެސް ބުރެޒިލަށް އައުން މަނާ މީހުންގެ ތެރޭގައި ނުހިމެނޭނެއެވެ.

ދުނިޔޭގައި ކޯވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ ބުރެޒިލެވެ. އެ ޤައުމުގައި މިހާތަނަށް 1،409،693 މީހުންނަށް ބަލި ޖެހި 59،745 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 40،000 މީހުންނަށް ބަލިޖެހެއެވެ. ބުރެޒިލުގައި ބަލި ފެތުރެން ފެށުމުން އެ ޤައުމުގެ ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއްވަނީ އަމާޒުވެފައެވެ.