ޚަބަރު

އައު ޤާނޫނު ތަންފީޒުކުރި ފަހުން ބޭއްވި ފުރަތަމަ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފި


ޤައުމީ ސަލާމަތާބެހޭ ޤާނޫނު ޗައިނާއިން ހޮންގްކޮންގުގައި ތަންފީޒުކުރުމުން އެ ޤައުމުގައި ކުރި ފުރަތަމަ މުޒާހަރާގައި ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފިއެވެ.

ހޮންގުކޮންގުގައި ސަލާމަތާބެހޭ ޤާނޫނު ޗައިނާއިން ތަންފީޒުކޮށްފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވާލައި މުޒާހަރާކޮށް ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ. އަލަށް ތަންފީޒުކުރި ޤާނޫނުގެ ސަބަބުން ހޮންގްކޮންގުގެ މިނިވަންކަމަށް ހުރަސްއެޅި ޗައިނާގެ ބައެއްގެ ގޮތުގައި ހޮންގްކޮންގު އޮތްނަމަވެސް ވަކި ސަރުކާރަކުން އެ ޤައުމު ހިންގުމަށް ހުރަސްއެޅޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އިނގިރޭސިންގެ ބާރުގެ ދަށުން ޗައިނާގެ ބާރުގެ ދަށަށް ހޮންގުކޮންގު ދިޔައީ 1997ވަނަ އަހަރުގައެވެ. އެ ތާރީޚަށް އަހަރުވާ ދުވަހާ ގުޅިގެން އެތައް ހާސް ބަޔަކުވަނީ މުޒާހަރާކުރުމަށް އެއްވެފައެވެ. ފަހު ވަގުތާ ޖެހެންދެންވެސް ޗައިނާއަށް ބޯނުލަނބާނެކަމަށް ބުނެ އެ އެއްވުމުގެ ބައިވެރިންވަނީ ހޮންގުކޮންގުގެ މިނިވަންކަމަށް ގޮވައިލައިފައެވެ. އިންސާފަށް ގޮވާލައި މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމުން ޖަލަށް ގެންގޮސްދާނެކަމުގެ ބިރު އޮތްނަމަވެސް މުޒާހަރާކުރާނެކަމަށް އެއްވުމުގައި ބައިވެރިވި ގިނަ ޢަދަދެއްގެ މީހުންވަނީ ބުނެފައެވެ. އައު ޤާނޫނާ ދެކޮޅަށް އެ އެއްވުމުގައި އެތައް ހާސް މީހުން މުޒާހަރާކުރުމުން މުޒާހަރާ ރޫޅައިލަން ހޮންގުކޮންގުގެ ފުލުހުންވަނީ ޕްރެޝަރުގައި ފެންޖަހައި ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ. އެ ހަމަނުޖެހުންތަކުގައި 200 މީހުންވަނީ ހައްޔަރުކޮށްފައެވެ.

އަލަށް ތަންފީޒުކުރި ޤާނޫނުގެ ދަށުން ސިޔާސީގޮތުން ޗައިނާގެ މައި ސަރުކާރާ ވަކިވުމާއި ޤާނޫނަށް ކަމޭނުހިތުމާއި ނިރުބަވެރިކަމާއި ވަކި ބޭނުމެއް ޙާޞިލްކުރުމަށް ބަޔަކާ ސިއްރު ގުޅުމެއް ބޭއްވިކަން ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި އުމުރަށް ޖަލަށްލެވޭނެއެވެ. އަދި ހޮންގުކޮންގުގައި ޗައިނާގެ ދިފާޢީ އިދާރާތަކަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބި، ހޮންގުކޮންގުގައި ބައެއް ނުރައްކާތެރި ކުށްކުރާ މީހުން ޗައިނާގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ބާރު ލިބޭނެއެވެ. ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ދިދަތަކާއި ފޮތިގަނޑުތަކާއި ޢަމަލުތައްހުރި ގޮތަކީ ސިޔާސީގޮތުން ޗައިނާގެ މައި ސަރުކާރާ ވަކިވުމާއި ޤާނޫނަށް ކަމޭނުހިތުމުގެ ނިޔަތުގައި ކުރަމުންދިޔަ ކަންކަންކަމަށެވެ. އެހެންކަމުން އެ ޢަމަލުތަކަކީ އަލަށް ތަންފީޒުކުރި ޤައުމީ ސަލާމަތާބެހޭ ޤާނޫނާ ފުށުއަރައި ޢަމަލުތަކެއްކަމަށް ފުލުހުން ބުންޏެވެ.