ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް އދން 7.7 ބިލިޔަން އެމެރިކާ ޑޮލަރު ހޯދައިފިއެވެ.
ފާއިތުވި 9 އަހަރު ހަނގުރާމައިގެ ޙާލަތުގައި އޮތުމުގެ ސަބަބުންނާއި ކޯވިޑް-19 ފެތުރުމުގެ ސަބަބުން އިޤްތިޞާދު ހީނަރުވެ ކާބޯތަކެތީގެ އަގު އުފުލުމުން ސޫރިޔާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ޤައުމުން ދަނީ އިންސާނީ ކާރިޘާއަކާ ކުރިމަތިލަމުންނެވެ.
ސޫރިޔާއަށް އެހީތެރިވުމަށް އދން އެހީގެ ގޮތުގައި ހޯދުމަށް މަސައްކަތްކުރީ 10 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް އެ ޢަދަދާ އެއްވަރަށް އެހީ ހޯދިފައެއް ނުވެއެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޤައުމުތަކަށް އެހީތެރިވި ގިނަ ޤައުމުތަކަށްވަނީ ކުރިން ދިން ޢަދަދުތަކާ އެއްވަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުޅެދިފައެވެ. ނަމަވެސް އުންމީދުކުރި ވަރަށްވުރެ ލިބުނު އެހީގެ ޢަދަދު އިތުރުކަމަށް އދން ބުނެއެވެ.
ފަސްދޮޅަސް ޤައުމަކުންނާއި އަމިއްލަ ޖަމްޢިއްޔާއިން ބައިވެރިވި އެހީތެރިކަން ހޯދުމުގެ ޙަރަކާތުގައި ޤަޠަރުންވަނީ 100 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޢުދުވެފައެވެ. ޖަރުމަނުވިލާތުންވަނީ 1.78 ބިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް އިޢުލާނުކޮށްފައެވެ. އެއީ އެއް ޤައުމުން އެހީގެ ގޮތުގައި ހުށަހަޅާފައިވާ އެންމެ ބޮޑު ޢަދަދެވެ.
އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގޮފީގެ އަންޑަރ ސެކެޓްރީ މާކް ލޯކޮކު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަކީ އާދަޔާޚިލާފު ޙާލަތެއްކަން ޤަބޫލުކުރައްވާކަމަށާއި މި ދަނޑިވަޅަކީ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމަށް ޤައުމުތަކަށް ދަތި ވަގުތެއްކަން ޤަބޫލުކުރައްވާކަމަށެވެ.
ސޫރިޔާއަށް އެހީތެރިވުމަށް 7 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން އދންވަނީ މިދިޔަ އަހަރު ހޯދައިފައެވެ. އދން ބުނީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު 3.8 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެކަމަށެވެ. 11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސޫރިޔާގެ 9.3 މިލިޔަނަށްވުރެ ގިނަ މީހުންނަށްވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ. ސޫރިޔާ ދޫކޮށް، އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިވާ 6.6 މިލިޔަނަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 6.04 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އދން ބުނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ފައިސާ އެއްކުރުމުގެ މަސައްކަތްތައް އދން ކުރާނެއެވެ.