ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް، ޕީއައިއޭއިން ކުރިއަށް އޮތް ހަ މަސް ދުވަހު ވިލާތުގެ ޤައުމުތަކަށް ދަތުރުކުރުން ވިލާތުގެ ވައިގެ ސަލާމަތާބެހޭ އިދާރާ، ޔޫރަޕިއަން ޔޫނިއަން އެއަރ ސޭފްޓީ އެޖެންސީ، އީސާއިން މަނާކޮށްފިއެވެ.
އީސާއިން ބުނީ އެ އިދާރާއިން އެގޮތަށް ނިންމީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އުޞޫލުތަކަށް ޕާކިސްތާނުން ޢަމަލުކުރާނެކަމާމެދު ޔަޤީންކަން ނެތުމުންކަމަށެވެ. އީސާއިން އެގޮތަށް ނިންމާފައިވަނީ ވަގު ލައިސެންސު ބޭނުންކުރާކަމުގެ ކަންބޮޑުވުންތަކާއެކު ޕާކިސްތާނުގެ 860 ޕައިލެޓުންގެ ތެރެއިން 262 ޕައިލެޓުން މަސައްކަތުން އެކަހެރިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޕީއައިއޭގެ 434 ޕައިލެޓުންގެ ތެރެއިން 141 ޕައިލެޓުން ހިމެނެއެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ޕީއައިއޭގެ މަތިންދާބޯޓެއް ވެއްޓި 97 މީހުންވަނީ މަރުވެފައެވެ.
2018ވަނަ އަހަރު މަތިންދާބޯޓެއް ވެއްޓުމުގެ ހާދިޘާއެއްގައި މަތިންދާބޯޓު ދުއްވި ޕައިލެޓެއްގެ އަތުގައި ސައްޚަނޫން ލައިސެންސެއް އޮތްކަމަށް ބެލެވިގެން ޕާކިސްތާނުންވަނީ ފުޅާ ތަހުޤީޤެއް ފަށައިފައެވެ. އެ ހާދިޘާގައި މަތިންދާބޯޓު ދުއްވި ޕައިލެޓުގެ ލައިސަންސުގައި އިމްތިޚާނު ފުރިހަމަކުރި ތާރީޚުގެ ގޮތުގައި ޖަހާފައިވަނީ ސަރުކާރު ބަންދު ދުވަހެކެވެ. އެހެންކަމުން އެއީ އޮޅުވާލުމެއްކަމަށް ބެލެވެއެވެ. އެއަށްފަހު ތަހުޤީޤު ފުޅާކޮށް ގިނަ ޢަދަދެއްގެ ޕައިލެޓުންގެ ލައިސެންސުގައިވާ މަޢުލޫމާތުގެ ޞައްޚަކަން ދަނީ ޔަޤީންކުރަމުންނެވެ.
އީސާގެ ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުންވެސްވަނީ އެ ޤައުމުގެ ވައިގެ ތިން ބަނދަރަކަށް ޕީއައިއޭއިން ދަތުރުކުރުމަށް ދީފައިވާ ޙުއްދަ ބާޠިލުކޮށްފައެވެ. އެގޮތުން ބަރމިންހަމަށާއި ލަންޑަނުގެ ހީތުރޯއަށާއި މެންޗެސްޓަރގެ ވައިގެ ބަނދަރަށް ޕީއައިއޭއަށް ދެން ދަތުރެއް ނުކުރެވޭނެއެވެ.
އީސާގެ ނިންމުމާ ގުޅޭގޮތުން ޕީއައިއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް ވިލާތުގެ އިއްތިޙާދުން ދީފައިވާ ޙުއްދަ ވަގުތީގޮތުން ބާޠިލުކޮށްފައިވާކަމަށެވެ. އެ ނިންމުން އިސްތިޢުނާފުކުރުމުގެ ފުރުޞަތު އޮތްކަމަށް އެ އެއާލައިނުން ބުނެއެވެ. ޕީއައިއޭއިންވަނީ އެ އެއާލައިނުން ވިލާތުގެ އިއްތިޙާދަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލާފައިވާކަން އިޢުލާނުކޮށްފައެވެ. ނަމަވެސް ޚާއްޞަ ޙުއްދައެއްގެ ދަށުން ޖުލައި މަހުގެ 1ވަނަ ދުވަހުން 3ވަނަ ދުވަހަށް ދަތުރުތައް ބާއްވަން ވިލާތުގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުން ޙުއްދަ ދީފައިވާކަމަށް ފަހުންވަނީ އިޢުލާނުކޮށްފައެވެ. ޕީއައިއޭއިން ބުނީ އިސްލާޙު ކުރަންވީ ކަންކަމާ ގުޅޭގޮތުން އީސާއާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި ވީހާވެސް އަވަހަކަށް މައްސަލަ އިސްތިޢުނާފުކޮށް ބަންދު އުވާލަން މަސައްކަތްކުރަމުންދާކަމަށެވެ.
ޕީއައިއޭގެ އިތުރުން ޕާކިސްތާނުގެ ވިޝަން އެއަރ އިންޓަނޭޝަނަލަށް ދޫކޮށްފައިވާ ޙުއްދަވެސް އީސާއިންވަނީ ވަގުތީގޮތުން ބާޠިލްކޮށްފައެވެ.