ޚަބަރު

ކައުންސިލް އިންތިޚާބުގައި ވާދަކުރާ 5 ކެނޑިޑޭޓަކު ނަން ނަގައިފި


މިއަހަރުގެ އޭޕްރިލްމަހު ބާއްވަން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލި ބައެއް ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ.

އޭޕްރިލްމަހުގެ 06 ވަނަދުވަހަށް ތާވަލްކުރި އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ވިދާޅުވީ އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން މާރިޗުމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 5 ކެނޑިޑޭޓަކު ނަން ނަގާފައިވާކަމަށެވެ. މިހާތަނަށް ނަން ނަގާފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ 2 ކެނޑިޑޭޓަކާއި ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ 2 ކެނޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެކެވެ.

ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުން

- ޢަބްދުލްމަޖީދު މާހިރު، އެންދެރިމާގެ / ލ.މާވަށް / ލ. މާވަށު ކައުންސިލްގެ ރައީސްކަމަށް ( އަމިއްލަ ގޮތުން )
- ނަސްފާ މުޙައްމަދު ސަޢީދު، ދުންފިނިގެ / ށ.މަރޮށި / ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި (ޕީޕީއެމް)
- ފާޠިމަތު ސާއިގާ ޚާލިދު، ދޯދި / ގއ. ކޮނޑޭ / ގއ. ކޮނޑޭ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި( އަމިއްލަ ގޮތުން )
- ޙަސަންނާފިޢު، ދެތަޑިމާގެ / އއ. ބޮޑުފޮޅުދޫ / އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރުކަމަށް ( އެމްޑީޕީ)
- މުޙައްމަދު ރަޝީދު، ރިސާދު / ނ.މާޅެންދޫ/ ނ. މާޅެންދޫ ކައުންސިލްގެ މެންބަރުކަމަށް (އެމްޑީޕީ)

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ 980 ކައުންސިލަރުންނެވެ.

ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ.

އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެެއެވެ. މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ.